ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ޚަބީރެއްގެ ގޮތުގައި ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯއްދަވަން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުގެ ފަރާތުން ޚަބީރެއްގެ ގޮތުގައި ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯއްދަވަން ނިންމިކަން ހާމަކޮށްފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކަނޑުން ގެއްލުނު ބައި ހޯދުނުގެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދަމުން އަންނަކަމަށެވެ. އަދި އެކަން ކުރިއަށް ގެންދާއިރު އެ ކަމަށް ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ހަބީރެއްގެ ހައިސިއްޔަތުން މުނައްވަރުގެ ގާނޫނީ ލަފާ ހޯދުމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ނިންމަވާފައިވާ ކަމުގައެވެ. ހަމައެހެންމެ އެ ކަމަށް މުނައްވަރު އެއްބަސްވެވަޑައިގެން، އެ މަސައްކަތް ފައްޓަވާފައިވާ ކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
މި މައްސަލައިގައި ގާނޫނީ ލަފާ ހޯދަމުން އަންނަ އަނެއް ދެ ބޭފުޅުންގެ ތެރެއިން އެކަކީ އިނގިރޭސިވިލާތުގެ މަތީ ފަންތީގެ ގާނޫނީ ވަކީލަކާއި ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެކެވެ. އޭޖީ އޮފީހުން ބުނީ މި ދެ ގާނޫނީ މާހިރުންނަކީ ވެސް ކަނޑާބެހޭ މުއާހަދާއާ ގުޅުން ހުރި މިފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެ ބޭފުޅުން ކަމަށެވެ.
ޑރ. މުނައްވަރަކީ ކަނޑުގެ މައްސަލައިގައި ކުރީ ސަރުކާރުގައި އިދިކޮޅު ފަރާތްތަކާއެކު ވަރަށް އިސް ސަފުގައި ހަރަކާތްތެރިވި ބޭފުޅެކެވެ. އޭނާއަކީ ބައިނަލް އަޤްވާމީ ކަނޑުތަކާ ބެހޭ ޤާނޫނުގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލް ކުރައްވަފައިވާ ބޭފުޅެކެވެ.
ޑރ. މުނައްވަރުގެ އިތުރުން މި މައްސަލައިގައި އިނގިރޭސިވިލާތުގެ ކިންގްސް ކައުންސިލްއަކާއި ލޯ އޮފް ދަ ސީ މަލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއްގެ ޤާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.
މި ފަރާތްތަކުގެ މަސައްކަތް ނިންމާ، ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ކުރީކޮޅު ގާނޫނީ ލަފާ ބަންޑާރަނައިބަށް ލިޔުމުން ހުށަހަޅާނެ އެވެ. އޭޖީ އޮފީހުން ބުނީ މި މަސައްކަތް ކުރުމަށް ބަންޑާރަނައިބު އަހުމަދު އުޝާމް އައްޔަނުކުރައްވާފައިވާ ކޮމިޓީން ރިޕޯޓެއް ތައްޔާރުކުރަނީ މި ލަފާތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. މި ރިޕޯޓު ވެސް ފެބްރުއަރީގައި ބަންޑާރަނައިބަށް ހުށަހަޅާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އޭގެ އިތުރުން މި ރިޕޯޓު ހާމަކުރާނެ ކަމަށާއި އެ ރިޕޯޓާ އެކީ މި މަސައްކަތަށް އައްޔަންކޮށްފައިވާ ގާނޫނީ މާހިރުންނާ ގުޅޭ މައުލޫމާތުތަކާއި މި މަސައްކަތަށް ހަރަދުވި ފައިސާ ފަދަ މައުލޫމާތުތައް ހާމަކުރަން ވެސް އޭޖީ އޮފީހުން ބުންޏެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނީ، އިޓްލޮސް މައްސަލާގައި ކުރިޔަށްދާންވީ ގޮތެއް ނިންމުމަށް މި މައްސަލަ ކެބިނެޓަށް ހުށަހަޅައި، ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައިވާ ގޮތަށް، އެ މައްސަލާގައި ގޮތެއް ނިންމަވާނެ ކަމަށެވެ.