ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވެބްސައިޓް ލޯންޗްކޮށްފިއެވެ.

މި ވެބްސައިޓް ލޯންޗްކޮށްދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިހް މުހައްމަދު ލަތީފްއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހުކޮށްދެއްވީ މިމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

"ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. އެމަނިކުފާނު މި އިދާރާ އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގުމަށް ނިންމަވާފައިވާ ތަނެކެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.