ބަޔާން މިޔުނިކުން ނިއުކާސަލްގެ ޑިފެންޑާރ ކިރިއެން ޓްރިޕިއާ ގަތުމުގެ ހިޔާލު ދޫކޮށްލައިފިއެވެ.

ބަޔާނުން ޓްރިޕިއާ ނުގަންނަން ނިންމީ ނިއުކާސަލްއިން އޭނާ ވިއްކާލަން އެއްބަސްނުވާތީ ކަމަށް ބަޔާނުގެ ސްޕޯޓިންގް ޑިރެކްޓަރ ކްރިސްޓޮފާ ފްރިޔުންޑް ވަނީ ބުނެފައެވެ.

"އަހަރެމެން ކަންތައްތައް މިކުރަނީ ކުރެވޭނެ އެންމެ ރަނގަޅަށް. ކުޅުންތެރިޔާ ގެންނަ ނަމަ ކުޅުންތެރިޔާގެ އިތުރުން ޓީމުގެ ރުހުން ވެސް ބޭނުންވޭ. ނިއުކާސަލުން އޭނާ ވިއްކާލާކަށް ބޭނުމެއްނުވޭ" ޓްރިޕިއާއާ ބެހޭގޮތުން ވާހަކަދައްކަމުން ކްރިސްޓޮފާ ވިދާޅުވިއެވެ.

ބަޔާނުން ވަނީ ޓްރިޕިއާ ގަތުމަށް މިމަހު ދެ ފަހަރަށް ބިޑު ކޮށްފައެވެ. ނަމަވެސް ދެ ފަހަރު ވެސް ނިއުކާސަލުން ވަނީ ޓްރިޕިއާ ވިއްކާލުމަށް އެއްބަސް ނުވެފައެވެ.

ޓްރިޕިއާ ގެނައުމުގެ މަސައްކަތް ނާކާމިޔާބުވުމުން ބަޔާނުން އަންނަނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ނޯޑީ މުކިއޭލޭ ގަތުމުގެ މަސައްކަތް ކުރަމުންނެވެ.