ހެނދުނު އެގާރަޖަހަން ކައިރިވަމުން އައިވަގުތެވެ. މަގުގެ އެއްފަރާތެއްގައި ރައްޓެއްސެއްގެ އިންތިޒާރުގައި ހުރީމެވެ. ކުރިމަތީހުރި "އާދަޔާޚިލާފު" ގެއަކަށް މެދުނުކެނޑި މީހުން ވަދެ ނުކުމެ އުޅޭތަން ފެނެއެވެ. އެކަމާ ހިތާހިތާ ސުވާލު ކުރަމުން ގެންދިޔައީމެވެ. ލައްކަ ސުވާލަކާއި ޖަވާބެއް ވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް ހިތަށް އަރާހައި ކަމެއް ހަގީގަތަކަށް ނުވާނެތާއެވެ.
ކުއްލިއަކަށް ފެނުނީ މަގުގައި އަޅުގަނޑު ހުރިފަރާތު ދުވާރުމަތީން ފުލުހުންތަކެއް ހިނގާފައި އަންނަތަނެވެ. އެމީހުން ލައިގެން ތިބީ ގަދަ ނޫކުލައި ޔުނީފޯމެކެވެ. އޭގެ ތެރެއިން އެކެއްގެ އަތުގައި ހުދުކުލައިގެ ކަރުދާސްގަނޑެއް އޮތެވެ. ހިތަށްއެރިއެވެ. އެމީހުން އެދަނީ ކޮންތާކަށް ބާވައެވެ؟ މި ސުވާލުގެ ޖަވާބު ދިމާވީ ހިތަށް އެރިގޮތަށެވެ. އެމީހުން ވަނީ އެއްކަލަ ގެއަށެވެ. އެ މީހުން ވަނުމަށްފަހު ވެސް ބައެއްމީހުން އެގެއަށް ވަންނަން އައެއެވެ. އެހެންނަމަވެސް ގެ ކައިރީގައި ތިބި އެހެން ބައެއްގެ އިޝާރާތަށް އެމީހުން އެގެއަށް ނުވަދެ މިސްރާބު ބަދަލިކޮށްލައެވެ.
އިރުކޮޅެއް ފަހުން ފުލުހުން ނުކުތެވެ. އެމީހުންނާއެކު ޒުވާނަކު ހުއްޓެވެ. އޭނާގެ އަތުގައިވަނީ ބިޑިއަޅުވައިފައެވެ. ވީގޮތެއް ނޭނެގެއެވެ. އެތާތިބި މީހުން ބުނިގޮތުގައި އޭނާ އެގެންދިޔައީ ކޯޓަށެވެ. ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އެގޮތަށް ގެންދާނީ ކުށެއްގެ ތުހުމަތުގައި އެމީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ކަމަށް އެމީހުން ކިޔާއަޑު އިވެއެވެ.
ދެން އިވެންފެށީ ޑުރާގޭ، މަސްތުވާތަކެއްޗޭ، މިވެނި ގުރާމެކޭ ކީ އަޑެވެ. ހިތަށް އެރިއެވެ. އޭނާ އެގެންދިޔައީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް ވެދާނެއެވެ. އެހެން ކަމަށްވާނަމަ ދެން އުފެދުނީ އެހެން ސުވާލެކެވެ. އޭނާ ހައްޔަރުކޮށްގެން ގެންދާން ފެށުމުން އޭނާގެ މޫނުމަތީން ހާސްކަމާއި ދެރަވުމާއި ނާއުންމީދުގެ އަސަރެއް ނުފެނުނީ ކީއްވެބާވައެވެ؟ އޭގެ ބަދަލުގައި އޭނާހުރީ ހަކަތައިން ފުރިފައިވާ މޫޑެއްގައެވެ. ހަމަޖެހިފައެވެ. ޔަގީންކަމާއެކުގައެވެ. އަމިއްލަ ނަފުސަށް ނިކަންވަރުގަދަ އިތުބާރަކާއެކުގައެވެ.
ބައެއް އަވަށްޓެރީން ކިޔައިދިން ގޮތުގައި އެއީ ބިރުވެރި ސަރަހައްދެކެވެ. "ވަޅިޖަހައިފިޔޭ ކިޔާ ރޯއަޑުވެސް އެސަރަހައްދުން ރޭނގަނޑު އިވޭ. އެތަނަށް އަންހެނުންވެސް ދޭ،" އަވަށްޓެރިއަކު ބުންޏެވެ. އޭނާ ބުނިގޮތުގައި އެތަނަށް ނުވަތަ އެގެއަށް މީހުން އެހާގިނައިން ދާން ފެށީ މީގެ ތިންމަހެއް ނުވަތަ ހަތަރުމަހެއްހާ ދުވަސްކުރީންނެވެ. އަޅުގަނޑަށް އަލަށް އެ ފަދަ މަންޒަރެއް ފެނުނަސް އަވަށްޓެރީން ބުނިގޮތުގައި އެއީ އައު ކަމެއްނޫނެނެވެ.
"އެއީ ޑުރަގުގެ ހާއްޔެއް. ނިކަން ރީތި އަދި ކިޔަވައިގެންތިބޭ ޒުވާނުން އެފަދަ ކަންކަމުގައި ބައިވެރިވެ އަމިއްލަ މުސްތަގުބަލް ހަލާކުކޮށްލާތީ ވަރަށް ހިތާމަކުރަން. ދިވެހި ޒުވާނުންނަކީ ކުރީން ނިކަން ރީތިކޮށް އުޅެމުން އައިބައެއް. ޒުވާނުންގެ ނަން ބޭނުންކޮށްގެން ޒުވާނުންނަށް ކަންކަން ކޮށްދޭން އަންނަ ސަރުކާރުތަކުން ޒުވާނުން މިފަދަ ކަންކަމުން ސަލާމަތްކުރަން ޖެހޭ. އެމީހުންނަށް ހެވެއް އެދިގެންއަންނަ ސަރުކާރުތަކުން އެމީހުން ކޮންޓްރޯލް ކުރުމަށް އެމީހުން "ބުނިހާ ގޮތެއް" ހެދުން އެއީ ޒުވާނުންނާއި ގައުމަށް އެންމެ ފައިދާހުރި ގޮތެއްނޫން،" އަވަށްޓެރިޔާ ބުންޏެވެ.
ސުވާލަކީ އެއްވެސް ޖެހިލުމެއް، ބިރެއްނެތި އެފަދަ ކަންކަމުގައި ފާޅުގައި އުޅެން އެ މީހުންނަށް ކެރެނީ ކީއްވެހެއްޔެވެ؟ އޭގެ ޖަވާބުވެސް ދިނީ އަވަށްޓެރިއާއެވެ. އޭނާ ބުނީ އެއީ ޤާނޫނު ތަންފީޒު ނުކުރެވޭތީ ކަމަށެވެ. އެކުދީން ބޭނުންވާހާ ގޮތަކަށް ކަމާބެހޭ ފަރާތްތަކުން ދީލާލާތީ ކަމަށެވެ.
"މަސްތުވާތަކެތީގެ އަވައިގައި ޖެހިގެން އުޅޭ ގިނަކުދީންނަކީ ކޮންމެވެސް "ސިޔާސީ ކިއްލާ" ގެ ހިމާޔަތުގައި އުޅެމުންދާ ބައެއް. އެވާހަކަ އެމީހުންވެސް ބުނޭ. އެވެނި މީހަކު ހުރިއްޔާ ތިމަންނަމެން ހާސްނުވާނެޔޭ. ފުލުހުން ގެންދާތަނުން އެނބުރި އަންނާނަމޭ. މިއީ ހާލަތު. މިއީސް އިސްލާމީ ގައުމެއްގައި ވެގެންވާނޭގޮތެއްނޫން،" އެމީހާ ބުންޏެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާމީހުންނާއި އެ ބޭނުންކުރާ މީހުން އަތުލައިގަންނަނީ ލައްކަ މަސައްކަތުން ކަމަށް ރައްޓެހި ބައެއް ފުލުހުން ބުނެއެވެ. އެވަރުން އަތުލައިގެން ކޯޓަށް ގެންދިޔުމުން ކޯޓުން ވެސް އެމީހުން ދޫކޮށްލާ ކަމަށްވެއެވެ.
"އަޅުގަނޑުމެންގެ ކުދީން (ފުލުހުން) ވަރަށް ދުވަހު ވަރަށް ބުރަ މަސައްކަތުން އަތުލައިގަންނަ ޑްރަގް ނެޓުވޯކުތަކުގެ މީހުން ކޯޓަށް ގެންދިޔުމުން ދޫވާތަން އެބަފެނޭ. އެހިސާބުން އެކުދީން މާޔޫސްވެ ހިތްވަރުއެލޭ. އެހެންވީމާ މިކަން މިހާރަށްވުރެ ހަރުދަނާގޮތަކަށް ކުރުމަށްޓަކައި ކަންތައްތަކެއް، އުސޫލުތަކެއް ބަދަލުވާން އެބަޖެހޭ. ޒުވާނުން ހަލާކުވާން ދޫކޮށްލެވެންނެތް. އެބުނާ ގާނޫނީ ދިގު އަތް އެންމެންނާ ހަމައަށް ފޯރަން އެބަޖެހޭ،" ފުލުހުންގެ އިސްބޭފުޅަކު ވިދާޅުވިއެވެ.
މިކަންކަމުގެ ހައްލަކީ "ސިޔާސީ ކިއްލާތަކުން" ޒުވާނުންނެރެ އެމީހުންނަށް ފަރުވާއާއި ދީނީ ނަސޭހަތާއި ދެންވެސް އެކަމުން ދުރުކުރުމަށް ކުރެވެންހުރި ކަންކަން އެންމެން ގުޅިގެން ކުރުމެވެ. މިފަދަ ކަންކަން ސަރުކާރުގެ ބޮލަށް ކަނޑާލައިގެން ފަރުޖެއްސޭކަށްނެތެވެ. ކަންކަން ފެންނަނީ އެއަށްވުރެ ސީރިއަސްކޮށްނެވެ.