ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާއި ހިލާފަށް މަސްވެރިކަންކުރަން އުޅުނު ދެ ބޯޓެއް ހިފަހައްޓާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް، އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަކަމަށް ބެލެވެނީ ސްރީލަންކާގެ ދެ ބޯޓެއް ކަމަށެވެ. އެ ދެ ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ކޯސްޓްގާޑަށް ލިބުނު ރިޕޯޯޓަކާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މަހު 25 ވަނަ ދުވަހު ރާއްޖޭގެ އުތުރުން ގެނެސްފައިވާ އެ ދެ މަސްބޯޓުގެ ތެރެއިން އެއް ބޯޓެއްގައި 7 ފަޅުވެރިން ތިއްބެވެ. އަނެއް ބޯޓުގައި 6 ފަޅުވެރިން ތިއްބެެވެ.

ސްރީލަންކާގެ މި ދެ މަސްބޯޓު މިވަގުތު އޮތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސޮކްޑްރަންގެ ކޯސްޓްގާޑް ޝިޕް ނޫރައްދީނުގެ ބެލުމުގެ ދަށުގައި ހއ. ފިއްލަދޫގައި ބަނދަރުކޮށްފައެވެ. މި ދެ މަސްބޯޓު މާލެ ގެނެސް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރަނިކޮށް މިފަދަ ބޯޓުފަހަރު އަތުލައިގަތުމަކީ އާންމުކަމެކެވެ. އެގޮތުން މިދިޔަ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަސްތެރޭގައި ވެސް ވަނީ ލަންކާގެ 5 ބޯޓެއް އަތުލައިގެންފައެވެ.