ރޭގައި އެފްއޭ ކަޕުގައި ޓޮޓެންހަމާއި މެންޗެސްޓާ ސިޓީ ވާދަ ކުރި މެޗު ކާމިޔާބުކޮށް ފަސްވަނަ ރައުންޑުން މެންޗެސްޓާ ސިޓީ ޖާގަ ކަށަވަރު ކޮށްފިއެވެ.

ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސިޓީގެ ފަރާތުން ފެނިގެން ދިޔައީ ވަރުގަދަ ކުޅުމެކެވެ. އެޓީމުން ވަނީ ޓޮޓެންހަމުގެ ގޯލަށް ނުރައްކާ ކޮށް، ގޯލު ޖެހުމަށް އެތައް ފުރުސަތުތަކެއް ފަހިކޮށްފައެވެ. ނަމަވެސް ޓޮޓެންހަމްގެ ކީޕަރު ވިކާރިއޯ ވަނީ ހުށިޔާރުކަމާއެކު ސިޓީގެ ހުރިހާ ހަމަލާތަކެއް މަތަކޮށްފައެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ވިކާރިއޯ ކައިރިން ސިޓީ އަށް ގޯލެއް ޖެހުނީ މެޗުގެ 88 ވަނަ މިނެޓުގައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެވިން ޑެބްރުއިނާ ނަގައިދިން ކޯނަރަކުން ނޭތަން އާކޭއެވެ.

މި މޮޅަކީ 2019 ގައި ހުޅުވި ޓޮޓެންހަމުގެ އައު ސްޓޭޑިއަމްގައި ސިޓީއަށް ލިބިގެންދިޔަ ފުރަތަމަ މޮޅެވެ.

މި މެޗަށްފަހު ދެން މެންޗެސްޓާ ސިޓީ ނިކުންނާނީ ލީގުގައި ބާންލީއާ ދެކޮޅަށެވެ. މުބާރާތުން ކެޓި ޓޮޓެންހަމް ދެން ކުޅޭނީ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށެވެ.