ލީގުގައި ބާސެލޯނާއާ ވިލަރިއާލް ބައްދަލު ކުރި މެޗު 5-3 ގެ ނަތީޖާއަކުން ވިލަރިއާލް ކާމިޔާބުކޮށްފިއެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައި ވަނީ 41 ވަނަ މިނެޓުގައި ވިލަރިއާލުންނެވެ. މި ލީޑު އެޓީމަށް ނަގައިދިނީ ޖެރާޑް މޮރީނޯއެވެ. މިގޯލާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ ވިލަރިއާލް އެއް ލަނޑު ސުން ލަނޑުން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ގޯލު ޖަހައި ވިލަރިއާލުން ވަނީ އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކުރިން ބާސެލޯނާއަށް ކުޅުނު އިލިއާސް އަކޮމަކެވެ. މިލަނޑާއެކު ބާސެލޯނާ ވަނީ ޓީމުގެ ކުޅުން ރަނގަޅުކޮށް 11 މިނެޓު ތެރޭގައި ތިން ލަނޑު ކާމިޔާބުކޮށް ނަތީޖާ އަނބުރާލާފައެވެ. ނަމަވެސް 84 ވަނަ މިނެޓުގައި ވިލަރިއާލުގެ ގޮންޒާލޯ ގުއެޑޭޒް ކާމިޔާބު ކޮށްދިން ލަނޑާއެކު ދެޓީމުން ވަނީ އެއްވަރުވެފައެވެ.
މެޗުގައި ދެވަނަ ފަހަރަށް ވިލަރިއާލުން ލީޑު ނެގީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެލެކްޒެންޑަރ ޝޯލޯއެވެ. އޭގެ ތިން މިނެޓު ފަހުން ވިލަރިއާލުގެ ހޯސޭ މޮރާލޭސް ވަނީ އެޓީމުގެ ފަސް ވަނަ ލަނޑު ޖަހާދީފައެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާއެކު ވިލަރިއާލުން އޮތީ ކުޅުނު 22 މެޗުން ލިބުނު 23 ޕޮއިންޓާއެކު ލަލީގާ ތާވަލުގެ ސާދަ ވަނައިގައެވެ. މެޗުން ބަލިވި ބާސެލޯނާ އޮތީ ކުޅުނު 21 މެޗުން ލިބުނު 44 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.