މި ސީޒަން ނިމުމުން ބާސެލޯނާގެ ކޯޗުކަމުގެ މަގާމުން ވަކިވާން ޒަވީ ނިންމާފިއެވެ.
ސީޒަން ނިމުމުން ބާސެލޯނާގެ ކޯޗުކަމުގެ މަގާމު ދޫކޮށްލާނެ ކަމަށް ޒަވީ ހާމަ ކުރީ ރޭގައި 5-3 އަކުން ވިލަރިއާލް އަތުން ބާސެލޯނާ ބަލިވި މެޗަށް ފަހު ދިން އިންޓަވިއުގައެވެ.
ބާސެލޯނާގެ ކޯޗުގެ ގޮތުގައި ހުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އިންޓަވިއުގައި ވާހަކަދައްކަމުން ޒަވީ ވަނީ ފާހަގަކޮށްފައެވެ.
"މިއީ ވަރަށް އުނދަގޫ ވަޒީފާއެއް. އަހަންނަށް އަބަދު ހީވަނީ އަހަރެން ޓީމަށްޓަކައި ކޮށްދޭ މަސައްކަތް ބަލައިގަންނަ މީހަކު ނުވާ ހެން. މީޑިއާ އިން އަބަދު ނުރުހުމުގެ ބަސްތައް އަމާޒުކުރަންޏާ ވަކި ހިސާބަކުން މީހާއަށް އޭގެ ނޭދެވޭ އަސަރު ކުރަން ފައްޓާ" މަގާމުން ދުރުވާން ނިންމި ސަބަބު ހާމަ ކުރަމުން ޒަވީ ބުންޏެވެ.
ޒަވީ އަކީ ސީޒަން ނިމުމުން ކްލަބު ދޫކޮށްލާނެ ކަމަށް ބުނި ފުރަތަމަ ކޯޗެއް ނޫނެވެ. ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕު ވެސް ވަނީ ސީޒަން ނިމުމުން ކްލަބު ދޫކޮށްލާނެ ކަމަށް ބުނެފައެވެ.
ސީޒަން ނިންމުމަށްފަހު ޒަވީ ކްލަބަށް އަލްވަދާއު ކިޔުމުން ދެން ބާސެލޯނާގެ ކޯޗަށް އައްޔަން ކުރާނީ ކާކު ކަމެއް އެ ޓީމުން އަދި ހާމަކޮށްފައެއް ނުވެއެވެ.