ހޮނިހިރު ދުވަހުގައި ދަރިވަރުންނަށް އާންމުކޮށް ކިޔަވައިދޭން އަންގާފައި ނުވާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން މިކަން ހާމަކުކޮށްފައި ވަނީ މަންހަޖު ކަވަރު ކުރުމަށްޓަކައި ހޮނިހިރު ދުވަހު ކިޔަވައިދޭކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާތީއެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ މަންހަޖު ނުވަތަ ސިލަބަސް ކަވަރުކުރުމަށްޓަކައި ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނީ ދިރާސީ އަހަރުގެ ކަލަންޑަރުގައި ކިޔަވައިދިނުމަށް އެކަށައަޅާފައިވާ ދުވަސްތަކުގައިކަމަށެވެ. އަދި އެނޫން އެހެން ގޮތަކަށް ކިޔަވައިދިނުމުގެ ކަންކަން ތަރުތީބު ކުރުމަކީ މަނާކަމެއްކަމަށެވެ.

ހަމައެހެންމެ ހޮނިހިރު ދުވަހުގައި ޢާންމުކޮށް ކިޔަވައިދޭން އެ ވުޒާރާއިން އަންގާފައިނުވާނެކަމަށްވެސް ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި އެގޮތަށް ހުއްދަ ދީފަވެސް ނުވާނެކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކަންމިހެން އޮތް ކަމުގައި ވީނަމަވެސް އެކި ސަބަބުތަކާ ހުރެ ގެއްލޭ ފިލާވަޅުތަކާއި، ރިމީޑިއަލް ކްލާސްތަކާއި، އެންރިޗްމެންޓް ކުލާސްތައް އަބަދުވެސް ސްކޫލްތަކުން ހަފްތާ ބަންދުގައި ކުރިއަށްގެންދާކަން ވުޒާފާއިން ފާހަގަކޮށްފައިވެއެވެ. އަދި އެގޮތަށް ނަގައިދޭ ކްލާސްތައް ކުރިއަށްގެންދިއުމުގައި އެއްވެސް ހުރަހެއްނެތްކަމަށްވެސް ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.