އޭޝިއަން ކަޕުގައި އިންޑޮނޭޝިއާ އަތުން 4-0 އަކުން މޮޅުވެ ކުއާޓާ ފައިނަލުގެ ޖާގަ އޮސްޓްރޭލިއާއިން ކަށަވަރުކޮށްފިއެވެ.

ގަތަރުގެ ޖާސިމް ބިން ހަމާދް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ 12 ވަނަ މިނެޓު ތެރޭގައި އޮސްޓްރޭލިއާއިން ވަނީ ލީޑު ނަގާފައެވެ. އޮސްޓްރޭލިއާއަށް ލީޑު ލިބުނީ އިންޑޮނޭޝިއާގެ ޒުވާން ޑިފެންްޑަރ އެލްކަން ބެގޯ އަތުން ބައި ކޮޅަށް ވަން ލަނޑަކުންނެވެ. މެޗުގެ 45 ވަނަ މިނެޓުގައި މާޓިން ބޮއިލް ކާމިޔާބުކޮށްދިން ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ އޮސްޓްރޭލިއާ ދެގޯލުގެ ލީޑަކުން ކުރީގައި އޮވެގެންނެވެ.

މެޗުގައި އޮސްޓްރޭލިއާގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 87 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ކްރެއިގް ގުޑްވިންއެވެ. މެޗުގެ ފަހު ލަނޑު އޮސްޓްރޭލިއާއަށް ކާމިޔާބު ކޮށްދިނީ ކްރެއިގް ފަހިކޮށްދިން ފުރުސަތަކުން ހެރީ ސައުޓާއެވެ.

މެޗުން ބަލިވުމުން އިންޑޮނޭޝިއާއަށް ވަނީ އަލަށް އޭޝިއަން ކަޕު ކާމިޔާބުކޮށް, ތާރީހު ހެދުމުގެ ފުރުސަތު ގެއްލިފައެވެ.

މެޗު ކާމިޔާބު ކުރި އޮސްޓްރޭލިއާ ކުއާޓާ ފައިނަލުގައި ނިކުންނާނީ ސައުދީ އަރަބިއްޔާއާ ސައުތު ކޮރެއާ ބައްދަލު ކުރާ މެޗު ކާމިޔާބު ކުރާ ޓީމާއި ދެކޮޅަށެވެ.