މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓަޑް (މިފްކޯ) ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ހިމަނާފައިވާ ހަރަކާތުގެ ދަށުން، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް ޢައްޔަންކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވަމުން، ކެބިނެޓް ނިންމުންތައް ނޫސްވެރިންނާ ހިއްސާކުރުަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމް އިބްރާހީމް ވިދާޅުވީ ރައީސް ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.

މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ކަނޑައަޅާފައިވާ ކަންތައް ފުރިހަމަކުރުމަށް މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއް މިވަގުތަށް ހިމެނުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށް ޢިއުލާނުކޮށް ހުޅުވާލައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ރައީސް ކަނޑައަޅުއްވާ މަސްވެރިއެއް މިފްކޯ ބޯޑަށް ޢައްޔަނުކުރުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު ވަނީ ނިންމަވާފައި ކަމަށް ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެހާ މަސްވެރިން ޝާމިލުވުން ހިމެނޭގޮތަށް 'މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީ' އެއް އެކުލަވައިލުމަށް އެންމެ އެކަށޭނަ މޮޑެލަކާ ގުޅޭގޮތުން އެހެން ޤައުމުތަކުގެ ތަޖުރިބާއާއި، ކަމާގުޅޭ އިތުރު ދިރާސާތަކުގެ އަލީގައި ކޮންސެޕްޓްތަކެއް އެކުލަވާލުމަށާއި، މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލައި މަސްވެރި މުޖުތަމަޢާއެކު އެއްބަސްވުމަކަށް އައުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު ރައީސް ނިންމަވާފައިވާ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.