ކޮރަޕްޝަނާ ދެކޮޅަށް މުވައްޒަފުން ހޭލުންތެރި ކުރުވުމަށް ސްޓެލްކޯއިން އެންޓިކޮރަޕްޝަން ކޮމިޝަނާއެކު މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުން އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ ސްޓެލްކޯގައެވެ.

މި ބައްދަލުވުމުގައި އޭސީސީގެ އިސްވެރިންނާއި ސްޓެލްކޯގެ އިސްވެރިން ވަނީ މަޝްވަރާ ކުރައްވާފައެވެ. މިބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރި ކުރުވުމަށާއި، ދެފަރާތް ގުޅިގެން ކޮރަޕްޝަނާ ދެކޮޅަށް ކުރެވިދާނެ މަސައްކަތްތަކާއި މެދު މަޝްވަރާ ކުރުމަށް އޭސީސީގެ އިސްވެރިންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.

މިބައްދަލުވުމާ ގުޅޭގޮތުން ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ސްޓެލްކޯއަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ، އިޚުލާސްތެރި އަދި ނަމޫނާ މުވައްޒަފުންތަކެއް މަސައްކަތް ކުރާ ކުންފުންޏަކަށް ހެދުން ކަމަށެވެ.