ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ޕަރޓޫސިސް (ހޯއްގޮވާ ކެއްސުން) ބަލީގެ އިތުރު ކޭސްއެއް ފެނިއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވެއްޖެއެވެ.

މި މަހުގެ ތެރޭގައި ގއ.ވިލިނގިލިން 3 ކުއްޖަކު ވަނީ މި ބައްޔަށް ޕޮސިޓިވްވެފައިވާތީ، މި ކަމާގުޅިގެން އެޗްޕީއޭ އިން ބުނެފައިވަނީ ކުރިއަށް ގެންދިޔަ މަސައްކަތްތައް ހާމަކޮށް މި މަހުގެ 23 ވަނަ ދުވަހު އައިޖީއެމްއެޗާއި ގއ.އަތޮޅު ހޮސްޕިޓަލު ގުޅިގެން ޕޮސިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހަދައި ޕޮސިޓިވްވި ކުދިންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަ މަސްވެފައިވާ ފަރާތްތަކަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދިނުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓްކޮށް ބޭސްދީފައިވާ ކަމަށެވެ. ނަމަވެސް އިއްޔެ މި ބަލީގެ އިތުރު ކޭސްއެއް ވިލިނގިިލިން ފެނިފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވެއެެވެ.

އެޗްޕީއޭއިން އިތުރަށް ވިދާޅުވީ މި ކޭސްއަކީ ކުރިން ފެނުނު ކޭސްތަކާއި ގުޅުން ހުރި ކޭސް އެއް ކަމަށް ބެލި ބެލިމުން އަދި އެނގިފައެއް ނުވާ ކަމަށެވެ.

ވިލިނގިލީގައި ބަލި ފެތުރުން މަދު ކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލައި ކޮންޓެކްޓް ޓްރޭސިންނާއި ކޮންޓެކްޓުންގެ ތެރެއިން އަލާމާތްތައް ހުރި ފަރާތްތަކަށް ބޭސް ދިނުމާއި 7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ކުދިން ދެނެގަނެ ވެކްސިން ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.