ބިލަބޮންގް ހައި ސްކޫލް ކައިރީގައި ޕޭވްމަންޓަށް ވާގޮތަށް ބަހައްޓާފައިވާ ފޮށްޓަކީ (ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ) ސްޓެލްކޯއާ ގުޅުން ހުރި ފޮށްޓެއް ނޫންކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ އެ ފޮށީގެ ފޮޓޯ އާއެކު އާންމު ރައްޔިތަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކަށް ޖަވާބު ދެއްވަމުންނެވެ.

އާންމު ރައްޔިތަކު ވަނީ ބިލަބޮންގ ހައިސުކޫލު ކައިރީ ހުރި ފޮށި ޕޭވްމަންޓަށްވާ ގޮތަށް ހުރުމުން ސްކޫލު ދަރިވަރުންނަށާއި އެ ސަރަހައްދުން ހިނގާ ބިނގާވެ އުޅޭ ރައްޔިތުންނަށް އުނދަގޫވާތީ އެ ފޮށި އެތަނުން ނަގައިދިނުމަށް ސްޓެލްކޯގެ ކިބައިން އެދިފައެވެ.

މި ޕޯސްޓާ ގުޅިގެން ސޯޝަލް މީޑިއާގައި ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އެ މަގާމާ ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ކުރި މަސައްކަތުން ސްޓެލްކޯއާ ގުޅުންހުރި އާންމުންނަށް ދައްޗަކަށް ވެފައިވާ ކަންކަމަށް ހާއްސަ ސަމާލު ކަމެއް ދީގެން ހައްލު ހޯދައި ދީފައިވާ ކަމަށެވެ.

އެގޮތުން މާވެޔޮ މަގުގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރު އެތަނުން ނެގުމާއި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތުގެ އިތުރުން، ބޮޑު ތަކުރުފާނު މަގުގައި ބަހައްޓާފައިވާ ސްޓެލްކޯގެ ފިއުލް ޕަމްޕް ސްޓޭޝަން އެތަނުން ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި، މާތްﷲގެ ވާގިފުޅާއެކު މި ކުރާ މަސައްކަތުގައި ސައްތައިންސައްތަ ދިވެހި ކުންފުނި ސްޓެލްކޯއަކީ ރައްޔިތުންނާ އެންމެ ގާތުން، އެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ އަދި ރައްޔިތުންގެ ލޯބި ލިބިފައިވާ ކުންފުންޏަކަށް އަޅުގަނޑުމެން ހަދާނަން." އޭނާ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ބިލަބޮންގް ސްކޫލް ކައިރީގައި ޕޭވްމަންޓަށް ވާ ގޮތަށް ބަހައްޓާފައިވަނީ ސްޓެލްކޯ އާގުޅުން ހުރި ފޮށްޓެއް ނޫން ކަމަށެވެ.

މި ފޮށްޓަކީ ކޮން ބައެއްގެ އަދި ކީއްކުރަން ބަހައްޓާފައިވާ ފޮށްޓެއްކަން އަދި ވަނީ އެނގޭ ގޮތް ނުވެފައެވެ.