ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީ ކުރާ 2،460 މީޓަރުގެ އާ ރަންވޭގެ ތެރެއިން ނިމުނު 1،200 މީޓަރު ބޭނުންކުރަން ފަށައިފި ކަމަށްރީޖަނަލް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ބުނެފިއެވެ.

އާރުއޭސީއެލް ބުނީ އާ ރަންވޭގެ މަސައްކަތް މި އަހަރުގެ މާޗު މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށާއި އާ ރަންވޭ ފަރުމާ ކުރެވިފައިވަނީ ރޭގަނޑު ވެސް ދަތުރުތައް ކުރެވޭނެ ހިދުމަތްތަކާ އެކު ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދާ ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓް ގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެން، ރަންވޭ އެއްކޮށް ބަންދު ނުކޮށެވެ. ރަންވޭގައި އިތުރަށް ނުނިމި އޮތް ބައި ނިންމުމަށް ކުރިން އަޅާފައިވާ ރަންވޭގެ ބައެއް ތަޅާލަން ޖެހޭއިރު، މި މަސައްކަތްތައް ކުރިއަށް ގެންދަނީ އެ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫނާރާނެހެންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.