މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އެދެވޭ ފަރުވާ ދިނުމަށް އެކަމަށް އެކަށީގެންވާ ރިހެބިލިޓޭޝަން ފަރުވާ ސެންޓަރުތަކެއް ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ދިރާސާތައް ކުރަމުން އަންނަ ކަމަށް އެއެޖެންސީން ހާމަކޮށްފިއެވެ.
ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒުތައް ގާއިމު ކުރުމަށް ނިންމާފައިވަނީ ކ. ކާށިދޫ އާއި ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.
އެންޑީއޭއިން ބުނީ މަސްތުވާތަކެތީގެ ގާނޫނުގައި ބަޔާން ކުރާފަދަ، ފަރުވާދޭ މަރުކަޒުތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް އަމިއްލަ ފަރާތްތައް މެދުވެރިކޮށް ގާއިމުކޮށް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން، ލ. އަތޮޅުގައި ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައެޅުމުގެ ގޮތުން، އަތޮޅުގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް، އެންޑީއޭއިން ވަނީ މި މަހުގެ 24 އިން 28 އަށް އަތޮޅުގެ 11 ރަށަކަށް ދަތުރުކޮށް ކައުންސިލްތަކާއި ބައްދަލު ކޮށްފައެވެ.
އެންޑީއޭ އިން ބުނީ ރާއްޖޭގެ 03 ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ގާއިމުކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު، 2011/17ގައި ބަޔާންކުރާ ފަރުވާދޭ މަރުކަޒުތައް ރާއްޖެއާއި ރާއްޖޭން ބޭރުގައި އަމިއްލަ ފަރާތްތައް މެދުވެރިކޮށް ޤާއިމުކޮށް ހިންގުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން، އެންޑީއޭއިން ވަނީ މި މަހުގެ 24 އިން 28 އަށް ލާމު އަތޮޅުގެ 11 ރަށަކަށް ދަތުރުކޮށް ކައުންސިލްތަކާއި ބައްދަލު ކޮށްފައިވާ ކަމަށް އެ އެޖެންސީން ހާމަކުރެއެވެ. އެގޮތުން މި ދަތުރުގައި ހައްދުންމަތީ ކަލައިދޫ ކައުންސިލާއި ރަށުގެ މުވައްސަސާތަކާއެކު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ އިރު ލ.އަތޮޅުގެ ރަށްރަށުގައި މަސްތުވާތަކެތީގެ ޙާލަތު މިހާރު އޮތްގޮތުން، ނޭޝަނަލް ޑްރަގް އޭޖެންސީ އިން ދެމުންގެންދާ އަސާސީ ފަރުވާއާއި އިންޓަރވެންޝަންތަކުގެ ތެރެއިން ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަންގެ ޚިދުމަތާއި މެޑިކަލީ އެސިސްޓެޑް ޓްރީޓްމެންޓްގެ ޚިދުމަތް ފެށިދާނެ ކަމަށް ބެލެވޭ ރަށްތައް ދެނެގަތުމާއިއެކު، އެތަންތަނުގައި ދެންނެވުނު ޚިދުމަތް ދިނުމާއި ގުޅޭގޮތުން އިސްދޫ ކައުންސިލާއި ރަށުގެ މުވައްސަސާތަކާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށް އެ އެޖެންސީ އިން ހާމަކުރެއެވެ.
މިދިރާސާ ދަތުރުގައި އެންޑީއޭގެ ސީއީއޯ އިމާދް ސާލިހު އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ އިސްމާއިލް އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ލ.އަތޮޅުގައި ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގާނެ ރަށެއް ކަނޑައަޅާނީ އަތޮޅު ކައުންސިލާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް އެންޑީއޭއިން ހާމަކުރެއެވެ.
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދޭން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ ސެންޓަރުތައް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ މިމަހުގެ ކުރީކޮޅުއެވެ.