ރުހުން ނުދޭން ފާސްކުރި ތިން ވަޒީރުން އަލުން އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އައްޔަނު ކުރައްވައިފިއެވެ.

ރައީސް އެ މަގާމަށް އަލުން އަންޔަނުކުރެއްވި މަގާމު ތަކަކީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ކަމުގެ މަގާމަށާއި، އެޓަރނީ ޖެނެރަލްގެ މަގާމެވެ.

މި ބޭފުޅުން އައްޔަނު ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް އައްޔަންކުރެއްވީ ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްކަމުގެ މަގާމަށް އައްޔަންކުރެއްވީ ޑޮކްޓަރ އަލީ ހައިދަރު އަހުމަދެވެ.

މީގެއިތުރުން އެޓަރނީ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރެއްވީ އަލްއުސްތާޒު އަހްމަދު އުޝާމެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވި ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ކަމުގެ މަގާމަށް އައްޔަންކުރެއްވި ޑޮކްޓަރ އަލީ ހައިދަރު އަހްމަދު މި ރަސްމިއްޔާތުގައި ވަނީ ވަޒީރުންގެ މަޖިލީހުގެ ހުވައި ކުރައްވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޒު ހުސްނުއް ސުއޫދުގެ ކުރިފުޅުމަތީގައެވެ. ހުވައި ކުރެއްވުމަށްފަހު، އެ ދެ ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގްރާރުގައި ސޮއިކުރެއްވިއެވެ.

އަދި މި ރަސްމިއްޔާތުގައި އެޓަރނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވި އަލްއުސްތާޒު އަހްމަދު އުޝާމު މަގާމުގެ ހުވައިކުރެއްވުން އޮތެވެ. އެޓަރނީ ޖެނެރަލްގެ މަގާމުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޒު ހުސްނުއް ސުއޫދުގެ ކުރިފުޅުމަތީގައެވެ. އަދި ހުވައި ކުރެއްވުމަށްފަހު، ހުވައިގެ އިގްރާރުގައި އެޓަރނީ ޖެނެރަލް ސޮއިކުރެއްވިއެވެ.