މަޖިލީހުން މިއަދު ފެނިގެން ދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް ކަމަށާއި ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ ނިންމުމަށް ހުރަސްއެޅުން ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެން ދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް ކަމަށާއި ވަޒީރުންނަށް ރުހުން ނުދެއްވުމަކީ ރައްޔިތުންގެ ނިންމުމަށް، މުޠުލަގަށް ހުރަސްއެޅުން ކަމަށެވެ.

"މި ނިންމުން އަލުން މުރާޖާކޮށް، އިސްލާހުކުރައްވާނެ ކަމަށް އުންމީދުކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު ނެގުނު ވޯޓް ގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން ވަނީ ނިންމާފަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިރޭ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަންކުރައްވާފަ އެވެ. ހުވާލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ވަޒީރުންގެ މަޖިލީހަށް ބަންޑާރަ ނައިބު އުޝާމް އައްޔަނު ކުރުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވެސް އޭނާ ވަނީ އަލުން އައްޔަނުކޮށްފަ އެވެ.