ޓޮބްލެރޯން ޗޮކްލެޓްގެ ދެ ވައްތަރެއްގައި ޕްލާސްޓިކް ހިމެނޭތީ އެ ދެ ބާވަތް ރާއްޖޭގައި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެމްއެފްޑީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެމްއެފްޑީއޭއިން މަނާކުރި އެކުންފުނިން އުފައްދާ ޗޮކްލެޓްގެ ދެ ބާވަތަކީ ޓޮބްލެރޯން މިލްކް އަދި ޓޮބްލެރޯން މިލްކް ހަނީ އެންޑް އަލްމަންޑް ނޫގަޓް ކަމަށެވެ. މީގެތެރެއިން ތަަގައްޔަރުވެފައިވާ ޓޮބްލެރޯން މިލްކް އުފެއްދި ތާރީހަކީ މި ދިޔަ އަހަރުގެ ސެޕްޓެމްބަރު 1 ކަމަށްވާއިރު ޓޮބްލެރޯން މިލްކް ހަނީ އެންޑް އަލްމަންޑް ނޫގަޓް ގެ މުއްދަތު ހަމަވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 2 ގައެވެ.

މީގެއިތުރުން އެ ނޫސް ބަޔާނުގައި ބުނެފައިވަނީ ޕްލާސްޓިކުން ތަގައްޔަރުވެފައިވާ ސްވިޒަރލޭންޑް ގެ ޓޮބްލެރޯން ބްރޭންޑް ގެ މިލްކް ޗޮކްލެޓް ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް (އާރުއޭއެސްއެފްއެފް) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

އަދި މިއީ އެ ކުންފުނީގެ ޗޮކްލެޓް އުފައްދާ މެޝިނަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށާއި، އެގޮތުން ތަގައްޔަރުވެފައިވާ މި އުފެއްދުމުގެ ސަބަބުން ކަރުގައި ޕްލާސްޓިކް ތާށިވުން ނުވަތަ ދަތަށް ގެއްލުމެއް ލިބުން ފަދަ ކަމެއް ކުރިމަތި ވެދާނެ ކަމުގެ ފުރުސަތު އޮތް ކަމަށް އެކުންފުނިން އަންގާފައިވާކަމަށްވެސް އެމްއެފްޑީއޭގެ ނޫސްބަޔާނުގައި ވެއެވެ.

އަދި އޮތޯރިޓީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދެ ބްރޭންޑްގެ މިލްކް ޗޮކްލެޓް ރާއްޖެ އެތެރެކޮށް ނުވިއްކުމަށް އަންގާފައެވެ.