ރޭގައި އަލްހިލާލްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި 4-3 އަކުން އިންޓާ މިއާމީ ބަލިވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ ކިންގްޑޮމް އެރީނާ ސްޓޭޑިއަމްގައި އިންޓާ މިއާމީއިން ކުޅުނު މެޗަކީ, ދެން އަންނަ އެމްއެލްއެސް ސީޒަން ފެށުމުގެ ކުރިން އެޓީމުން ކުޅެން ހަމަޖެހިފައިވާ ހަ މެޗުގެ ތިންވަނަ މެޗެވެ.
މެޗު ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައިވަނީ އަލްހިލާލެވެ. އެޓީމު ވަނީ މެޗުގެ 10 ވަނަ މިނެޓުގައި ލީޑު ނަގައި, އޭގެ ތިން މިނެޓު ފަހުން ދެ ގޯލަށް ލީޑު ފުޅާކޮށްފައެވެ. އިންޓާ މިއާމީއަށް މި ސީޒަނުގައި ގުޅުނު ލުއިސް ސުއަރޭޒް އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު އެޓީމުން ވަނީ އަލްހިލާލުގެ ލީޑު ކުޑަކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން އެންމެ މިނެޓަކަށް ވެފައި އިންދާ އަލްހިލާލުގެ މައިކަލް ކާމިޔާބުކޮށްދިން ލަނޑާއެކު އެޓީމުން ފުރަތަމަ ހާފު ނިންމާލީ ދެގޯލުގެ ލީޑަކާއެކު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އިންޓާ މިއާމީގެ ސުޕާ ސްޓާ ލިއޮނެލް މެސީ ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދީ ދެޓީމުގެ ފަރަގު ކުޑަކޮށްފައެވެ. އޭގެ މިނެޓެއް ފަހުން މިއާމީގެ ޑޭވިޑް ރުއީޒް ކާމިޔާބުކުރި ލަނޑާއެކު ދެޓީމު ވަނީ އެއްވަރުވެފައެވެ. ނަމަވެސް މެޗުގެ 88 ވަނަ މިނެޓުގައި އަލްހިލާލުން ވަނީ ގޯލު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.
މެޗުގައި ބައްދަލުކުރި ދެ ޓީމުން ވެސް ދެން ކުޅެން ހަމަޖެހިފައިވަނީ އަލްނަސްރާ ދެކޮޅަށެވެ. އިންޓާ މިއާމީއިން އަލްނަސްރާ ދެކޮޅަށް ނިކުންނާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. އަލްހިލާލުން އަލްނަސްރާ ދެކޮޅަށް ކުޅެން ހަމަ ޖެހިފައިވަނީ ފެބްރުއަރީ މަހުގެ އަށްވަަނަ ދުވަހުއެވެ.