ފުލުހަކު ވަޒިފާގެ ވާޖިބުތައް އަދާ ކުރަނިކޮށް ފޮޓޯ ނެގި ދެ އަންހެނުން ހައްޔަރުކޮށްފިއެވެ.
ހަމަނުޖެހުން ހިންގި ފިރިހެނަކު ހައްޔަރުކުރަން އުޅުމުން އެމީހާ ވަނީ ފުލުހުންނަށް ދެކޮޅު ވެރިކަން ދައްކާފައެވެ. ފުލުހުން މިމީހާގެ އަތުގައި ބިޑި އަޅުވަނިކޮށް ދެ އަންހެނުން ފޮޓޯ ނަގައި އެފޮޓޯތައް މީސްމީޑިއާއަށް ލިއެވެ.
ޑުބާއީގެ ސައިބާ ކްރައިމް ގާނޫނު ބުނާ ގޮތުން މީހާގެ ރުހުމަކާއި ނުލައި އެމީހާގެ ފޮޓޯ ނަގައި މީސްމީޑިއާއަށް ލުމަކީ ގާނޫނީ ކުށެކެވެ.
އެފަދަ ކަމެއް ކުރާ މީހެއްގެ އަދަބަކީ ހަމަހަށް ޖަލަށް ލުން ނުވަތަ ދޮޅު ލައްކަ ދިރްހަމުން ޖުރިމާނާ ކުރުން ނުވަތަ މި ދެ އަދަބު އެއްކޮށް ދިނުމެވެ.
ޑުބާއީ ޕޮލިސްގެ ކްރިމިނަލް އިންވެސްޓިގޭޝަންއިން ބުނާ ގޮތުގައި ފުލުސް މީހާގެ ޒާތީ މިނިވަންކަމަށް މި ދެ އަންހެނުން ވަނީ އަރައި ގެންފައެވެ.