އެންމެ ފަހުން އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ޗެމްޕިއަން ސެނެގާލް ޕެނަލްޓީ ޖަހައިގެން ބަލިކޮށް މުބާރާތުގެ ކުއާޓާއަށް އައިވޮރީ ކޯސްޓް ދަތުރުކޮށްފިއެވެ.

މި މެޗަށް ސެނެގާލުން ނިކުތީ ގްރޫޕު ސްޓޭޖުގައި ކުޅުނު 3 މެޗު ވެސް ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ ހާސިލުކުރުމަށް ފަހުއެވެ. އައިވޮރީ ކޯސްޓަށް މުބާރާތުގެ މިހިސާބަށް އާދެވުނީ އެޓީމު ކުޅުނު ގްރޫޕުގެ ތިންވަނަ ލިބިގެންނެވެ. މިމެޗަށް އައިވޮރީ ކޯސްޓު ނިކުތްއިރު އެފްކޮންގައި އެންމެ ފަހުން އެޓީމު ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. އެހެންކަމުން މި މެޗަށް ދެޓީމުން ނިކުތްއިރު ގިނަ ބަޔަކު ލަފާކޮށްގެން ތިބީ ސެނެގާލް ފަސޭހަކަމާއެކު މެޗު ކާމިޔާބުކުރާނެ ކަމަށެވެ.

މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ސެނެގާލްގެ ފަރާތުން މި މެޗުގައި ވެސް ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން އެޓީމު ވަނީ މެޗުގެ ފުރަތަމަ 4 މިނެޓު ތެރޭގައި ލަނޑު ޖަހާފައެވެ. ސެނެގާލަށް އަވޮރީ ކޯސްޓްގެ ވަރުގަދަ ޑިފެންސް ދެވަނަ ފަހަރަށް ފޫއަޅުވާނުލެވިގެން އުޅެނިކޮށް މެޗުގެ 88 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އައިވޮރީ ކޯސްޓުން ވަނީ މެޗު ހަމަހަމަކޮށްފައެވެ.

މެޗު އެއްވަރުވެގެން ކުޅުނު އެކްސްޓްރާ ޓައިމްގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުނުކުރެވުމުން މެޗު ވަނީ ޕެނަލްޓީއަށް ގޮސްފައެވެ. އައިވޮރީ ކޯސްޓުން މެޗު ކާމިޔާބުކުރީ އެޓީމުން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށް 5-4 އަކުން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްގެންނެވެ. ސެނެގާލަށް މެޗު ގެއްލުނީ މޫސާ ނިއަކަޓޭއަށް ޕެނަލްޓީ ބޭރަށް ޖެހުމުންނެވެ.

މެޗުން ބަލިވުމުން ސެނެގާލްއަށް ތަށި ދިފާއުކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. މި ލިބުނު މޮޅާއެކު އައިވޮރީ ކޯސްޓު ކުއާޓާގައި ދެން ނިކުންނާނީ މާލީއާ ބުރްކީނޯ ފާސޯ ބައްދަލުކުރާ މެޗު ކާމިޔާބުކުރާ ޓީމަކާއި ދެކޮޅަށެވެ.