ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ ޢަދަދަށް ބަލައި މިއަހަރު 2.3 މިލިއަން ފަތުރުވެރިން ގެނެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށްދިއުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކޮށްދީ، ފުރުސަތުތައް ތަނަސްވަސް ކޮށްދިނުމުގެ ހާއްސަ ޕްލޭން އިފްތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ، ކޯޑިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރާ ޤާބިލްކަން ޒުވާނުންގެ އެބަހުރިކަމަށާ، އެކަމަށް މީގެ ކުރިން މަސައްކަތްތަކެއް ކުރެވިފައި ނެތުމަކީ މި މަސައްކަތައް ޝައުގުވެރިކަން ހުރި ފަރާތްތަކުން މިދާއިރާއިން ކުރިއަށް ދިއުމަށް ދިމާވި ދަތިކަމަށެވެ.
ފައިސަލް ވިދާޅުވީ، ޓެކްނޮލޮޖީގެ ޒަރީޔާއިން ފުޅާވަމުންދާ ވިޔަފާރިތަކަށް ޒުވާނުން އަހުލުވެރިކޮށް އެ ރޮނގުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީ އަދި މިހާރަށްވުރެ ބޮޑަށް ރާއްޖެ އިޝްތިހާރުކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ކުރެވޭ އުންމީދު ބޮޑުކަމަށެވެ.
"އެމްއެމްޕީއާރުސީއާއެކު މިކުރެވޭ މަސައްކަތުގައި މިފަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ 2 މިލިއަން. އެހެންނަމަވެސް ޗައިނާ އަދި އިންޑިއަން މާކެޓު އެހުރިވަރުގަ ހިފެހެއްޓިއްޖެކަމަށްވާނަމަ އަޅުގަނޑަށް ފެނޭ ގާތްގަނޑަކަށް ޓޫރިސްޓު އެރައިވަލް 2024ގައި ނިންމާލެވިދާނެކަމަށް 2.3 މިލިއަންގައި. އެހެންވެއްޖެކަމަށްވާނަމަ އެއީ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ. އެކަމުގައި އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއްވެސް ކުރަމުން." ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޚާއްޞަ އަދި ދުނިޔޭގެ މަޤްބޫލުކަން ހޯދޭނެ އެޕްލިކޭޝަނެއް ވަރަށް އަވަހަށް ތަޢާރަފްވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.