އޭޝިއަން ކަޕުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ގަތަރާއި ކުޅުނު މެޗުން 2-1 އަކުން ބަލިވެ ފަލަސްތީނަށް މުބާރާތަށް އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.
ގަތަރުގެ އަލްބައިތު ސްޓޭޑިއަމްގައި ކުޅުނު މެޗަކީ ފަލަސްތީނުގެ ތާރީހުގައި އެޓީމުން އޭޝިއަން ކަޕުގެ ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަމިއްލަ ގައުމުގައި ކުޅޭ އޭޝިއަން ކަޕުގެ ދެވަަނަ ބުރަށް ގަތަރުން އައީ ގްރޫޕުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ ހާސިލުކުރަމަށްފަހުއެވެ.
މެޗު ފެށިގެން ފަލަސްތީނުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާ ގަތަރުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ފަލަސްތީނުން ވަނީ 37 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރުވަގުތުގެ 6 ވަނަ މިނެޓުގައި ގަތަރުން ވަނީ ލަނޑުޖަހައި މެޗު އެއްވަރުކޮށްފައެވެ. ގަތަރަށް މެޗުގެ ނަތީޖާ އަނބުރާލަދިނީ 49 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދިން އަކްރަމް އަފީފެވެ. މެޗުގައި އިތުރު ލަނޑެއް ޖެހުމަށް ފަލަސްތީނުން ފަހި ކުރި ފުރުސަތުތަކުގެ ބޭނުން ނުހިފި އެޓީމަށް ވަނީ މުބާރާތަށް އަލްވަދާއު ކިޔަންޖެހިފައެވެ.
މުބާރާތުން ކެޓި ކަމުގައިވި ނަމަވެސް ފަލަސްތީނުގެ ކޯޗު ވަނީ އެޓީމުން ދެއްކި ހިތްވަރަށް ތައުރީފުކޮށްފައެވެ.
"މި ދުވަސްކޮޅަކީ ފަލަސްތީނުގެ ކުޅުންތެރިންނަށް ވަރަށް ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދުވަސްކޮޅެއް. އެކަމަކު ވެސް އެންމެ ފަހު ވަގުތައް ދަންދެން ވެސް އެ ކުޅުންތެރިންގެ ފަރާތުން ފެނިފައިވަނީ ހިތްވަރުގަދަ ކަމުގެ ލާމަސީލު މިސާލެއް. އެ ކުޅުންތެރިން ދަނޑު މަތިން ފޭބީ މުޅި ގައުމަށް ޝަރަފު ހޯދަދީފަ. އެކުޅުންތެރިންނަކީ އަހަރެން ދެކޭގޮތުގަ ޗެމްޕިއަނުން" މެޗަށް ފަހު ދިން އިންޓަވިއުގައި ފަލަސްތީނުގެ ކޯޗު ބުންޏެވެ.
ކުއާޓާގެ ޖާގަ ކަށަވަރު ކުރި ގަތަރު ދެން ނިކުންނާނީ އުޒުބެކިސްތާނާ ދެކޮޅަށެވެ. ޖެހިޖެހިގެން ދެ ފަހަރަށް އޭޝިއަން ކަޕު ކާމިޔާބުކުރުމުގެ ފުރުސަތު އެޓީމަށް އަދި އެބައޮތެވެ.