ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ޓެކްނިކަލް ދާއިރާތަކުން ބޭނުންވާ ފަންނީ އެހީ ފޯރުކޮށްދިނުމަށް އެކުންފުނިން ސްޓެލްކޯއާއެކު އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ފެނަކައިގެ މާލީ ހާލަތަށް ބަލައި، މި ފަހުމުނާމާގެ ދަށުން ސްޓެލްކޯއިން ވަނީ ހިލޭ ފޯރުކޮށްދެވިދާނެ އެހީތައް ހިލޭ ފޯރުކޮށްދިނުމަށްވެސް ނިންމާފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިފަހުމުނާމާގައި ސޮއިކުރުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ފެނަކައަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް ސްޓެލްކޯއަށް ވެވެންހުރި ގޮތަކަށް އެކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އަދި މިފަހުމުނާމާގެ ދަށުން ކޮށްދޭ ކަންކަމަކީ ސްޓެލްކޯއިން ހިލޭސާބަހަށް ކޮށްދޭ ކަންތައްތަކެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ. އެގޮތުން މެކޭނިކަލް އަދި އިލެކްޓްރިކް އިންޖިނިއަރިންގެ ރޮނގުން، ފެނަކައިގެ މުވައްޒަފުންނަށް ތަމްރީނު ދޭނެކަމަށާއި، ފެނަކައިން ކަރަންޓު ފޯރުކޮށްދޭ ބައެއް ރަށްތަކަށް ސްޓެލްކޯއިން މުވައްޒަފުން ފޮނުވަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކޮށްދެއްވާނެކަމަށް ފަހުމީ ވިދާޅުވިއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ފަންނީ ގޮތުން މުވައްޒަފުންގެ ކުރިއެރުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.އަދި ފެނަކައިން ދޭ ހިދުމަތްތައް ކުރިއަށް ގެންދިޔުމަށްވެސް ބޮޑު ބާރަކަށް، މިއެއްބަސްވުން ވެގެންދާނެ ކަމަށް މުއާޒް ވިދާޅުވިއެވެ. ފެނަކައަށް ކުރިމަތިވެފައި އޮތް މާލީ ގޮންޖެހުންތައް ފާހަގަކޮށް، މުއާޒް ވިދާޅުވީ މިހާރު ފެނަކަ އޮތް ހާލަތުން އަރައިގަތުމަށް އެކި ކުންފުނިތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

އަދި ފެނަކައިން ކުރިން ބޭނުންކުރި މެޝިންތައް ސާވިސްކޮށްފައިވަނީ އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްގެންކަމަށާއި، ހަމައެކަނި ސާވިސްކުރުމަށް 117 މިލިޔަން ރުފިޔާ މިދިޔަ އަހަރު ހޭދަކުރަންޖެހުނު ކަމަށް މުއާޒް ވިދާޅުވިއެވެ.

އެހެންނަމަވެސް، މިއެއްބަސްވުމުގެ ދަށުން މެޝިނަރީ ސާވިސްކުރުމަށް ސްޓެލްކޯގެ އެހީތެރިކަން ލިބިގެންދާނެކަން ފާހަގަކުރައްވަމުން މުއާޒް ވިދާޅުވީ މިކަމުގެ ސަބަބުން ފެނަކައިގެ ހަރަދުތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.