އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި ވަރުގަދަ މޮރޮކޯ ބަލިކޮށް ކުއާޓާ ފައިނަލުގެ ޖާގަ ސައުތު އެފްރިކާއިން ކަށަވަރުކޮށްފިއެވެ.

ބޮލީވިއާގެ ސްޓޭޓް ޑި ސެން ޕެޑްރޯ ސްޓޭޑިއަމްގައި ކުޅުނު މެޗަށް މޮރޮކޯ ނިކުތް އިރު, މުބާރާތުގައި އެޓީމު އަދި ބަލިވެފައެއް ނުވެއެވެ. ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއެކު މޮރޮކޯ މި މެޗަށް ނިކުތީ ގްރޫޕުގެ އެއްވަނަ ހާސިލުކުރުމަށްފަހުއެވެ. ސައުތު އެފްރިކާ މި މެޗަށް ނިކުތީ ގްރޫޕުގައި ކުޅުނު ތިން މެޗުން ލިބުނު 4 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ހާސިލުކުރުމަށްފަހުއެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެފައިވަނީ މޮރޮކޯއިންނެވެ. ނަމަވެސް އެޓީމު ލަނޑެއް ޖެހުމަށް ފަހި ކުރި ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވިގެންވާ ގޮތުގައި ވަނީ ނުހިފިފިއައެވެ.

މެޗުގައި ކައުންޓާ އެޓޭކިން ކުޅުމެއް ދެއްކި ސައުތު އެފްރިކާ މެޗުގައި ލީޑު ނެގީ 57 ވަނަ މިނެޓުގައެވެ. މެޗުގެ 85 ވަނަ މިނެޓުގައި މޮރޮކޯއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ޕީއެސްޖީގެ ޑިފެންޑާ އަޝްރަފް ހަކީމީ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި މޮރޮކޯގެ ސޯފިޔަތު އަމްރަބަތަށް ދެއްކި ރަތް ކާޑާއެކު އެޓީމުން ވަނީ ދިހަ ކުޅުންތެރިންނާއެކު މެޗު ކުރިއަށް ގެންދަން ޖެހިފައެވެ. ސައުތު އެފްރިކާއިން މެޗުގެ ދެވަނަ ލަނޑު ޖެހީ އަމްރަބަތު ކުރި ފައުލުން ލިބުނު ހިލޭ ޖެހުން ގޯލަށް ވައްދާލައިގެންނެވެ. މި ގޯލު ޖެހީ ސައުތު އެފްރިކާގެ ޓެބޯހޯ މޮކޮއޭނާއެވެ.

މި މެޗުން ބަލިވުމުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީއާ ހިސާބަށް ދަތުރުކޮށް ތާރީހު ހެދި މޮރޮކޯއަށް ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.

ވަރުގަދަ މޮރޮކޯ ކަޓުވާލި ސައުތު އެފްރިކާ ކުއާޓާ ފައިނަލުގައި ނިކުންނާނީ ކެޕޭ ވާޑޭއާ ދެކޮޅަށެވެ.