އޭޝިއަން ކަޕުގައި ސައުދީ އަރަބިއާއާ ދެކޮޅަށް ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް ކުއާޓާ ފައިނަލުގެ ޖާގަ ސައުތު ކޮރެއާއިން ކަށަވަރުކޮށްފިއެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ވަނީ އަނެއް ޓީމުގެ ގޯލަށް ނުރައްކާކޮށް ގޯލު ޖެހުމަށް ފުރުސަތުތަކެއް ފަހިކޮށްފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔަ އިރު ވެސް ދެޓީމު އޮތީ 0-0 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ސައުދީ އަރަބިއާއިން ވަނީ މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި އަބްދުﷲ ރަދީފެވެ. ރަދީފްގެ ގޯލާއެކު ސައުތު ކޮރެއާއިން ވަނީ މެޗުގައި ލަނޑެއް ޖެހުމަށް އެތައް ފުރުސަތު ތަކެއް ފަހިކޮށްފައެވެ. ސައުދީ އަރަބިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލާ, ސައުތު ކޮރެއާއަށް މެޗު އެއްވަރު ކުރެވުނީ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ނުވަވަނަ މިނެޓުގައެވެ. މި ގޯލު ކާމިޔަބުކޮށްދިނީ ސައުތު ކޮރެއާގެ ޗޯ ގުއެ ސަންގެވެ.

ޗޯގެ ގޯލާއެކު ދެޓީމު އެއްވަރުވެ މެޗު ވަނީ ޕެނަލްޓީ ޝޫޓްއައުޓަށް ގޮސްފައެވެ. ސައުތު ކޮރެއާ މެޗުން މޮޅުވީ ޕެނަލްޓީ ޝޫޓްއައުޓް 4-2 އަކުން ކާމިޔާބުކޮށްގެންނެވެ.

ތިންވަނަ ފަހަރަށް އޭޝިއަން ކަޕު ހިއްލާލުމުގެ އުއްމީދުގައި ސައުތު ކޮރެއާ ދެން ނިކުންނާނީ ކުއާޓާ ފައިނަލުގައި އޮސްޓްރޭލިއާއާ ދެކޮޅަށެވެ.