2024 ވަނަ އަހަރުގެ އައު ދިރާސީ އަހަރުގައި ދަރިވަރުން ސުކޫލަށް ވެއްދޭނެ، އަދި އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރެވޭނެ އުމުރުފުރާތައް އިއުލާން ކޮށްފިއެވެ.

ތަޢުލީމީ ވުޒާރާއިން ސުކޫލުތަކަށް އިއްޔެ ފޮނުއްވި ސާކިޔުލާގައި، 26 މެއި 2024 ގައި ފެށުމަށް ހަމަޖެހިފައިވާ އައު ދިރާސީ އަހަރުގައި ދަރިވަރުން ސުކޫލަށް ވައްދައި، އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރެވޭނެ ގޮތް ހާމަކޮށްފައިވެއެވެ. އެ އުސޫލުތަކަކީ:

• ބޭބީ ނާސަރީ-- 31 ޑިސެމްބަރު 2023 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން

• ނާސަރީ-- 31 ޑިސެމްބަރު 2023 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

• އެލްކޭޖީ-- 31 ޑިސެމްބަރު 2023 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

• ޔޫކެޖީ-- 31 ޑިސެމްބަރު 2023 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން. (މިހެން އިން ނަމަވެސް 2023-2024 ގެ ދިރާސީ އަހަރުގައި އެލްކޭޖީ ފުރިހަމަ ކުރި ދަރިވަރުން ޔޫކޭޖީއަށް ބަދަލު ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.)

• ގްރޭޑް 1 -- 31 ޑިސެމްބަރު 2023 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން. (މިހެން އިން ނަމަވެސް 2023-2024 ގެ ދިރާސީ އަހަރުގައި ޔޫކޭޖީ ފުރިހަމަ ކުރި ދަރިވަރުން ގްރޭޑް 1 އަށް ބަދަލު ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.)

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީގެ އުސޫލުގައިވާ ގޮތުގެ މަތީން އެއްވެސް ދަރިވަރަކު އެ ދަރިވަރެއް ހުރި ގްރޭޑްގައި ރިޕީޓް ނުކުރެވޭނެ ކަމަށެވެެ. ނަމަވެސް ޚާއްސަ ހާލަތެއް ދިމާވެގެން ނުވަތަ މަގުބޫލު އުޒުރަކާއި އެކު، އެ ދަރިވަރަކުގެ ބެލެނިވެރިޔާ ބޭނުންވެއްޖެ ނަމަ، ސުކޫލުގައި އެދުމުން މިނިސްޓްރީ މެދުވެރިކޮށް ކުއްޖާ ރިޕީޓް ކުރެވޭނެ ކަމަށްވެސް އެ ސާކިޔުލާގައި ބުނެފައިވެއެވެ.

ދިރާސީ އައު އަހަރު އަންނަ އަހަރު ޖަނަވަރީގައި ފެށުމަށް ތައްޔާރު ވާއިރު، މި އަހަރު ދިރާސީ އައު އަހަރު ފަށާ ތާރީޚްވެސް ވަނީ މެއި މަހަށް ބަދަލު ކުރެވިފައެވެ. އަދި ކުރިން އޮތީ އޮގަސްޓް މަހުގައި ދިރާސީ އައު އަހަރު ފަށާ ގޮތަށް ނިންމާފައިވާއިރު، ސުކޫލަށް ވައްދާ އުމުރު ބަލަނީ އޮގަސްޓް މަހުން ފެށިގެންނެވެ.