ރޭގައި ޕްރިމިއާ ލީގުގައި ލޫޓޮން ޓައުންއާ ބްރައިޓަން ބައްދަލުކުރި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ, ލޫޓޮން ޓައުން ރެލިގޭޝަން ޒޯނާއި ދުރަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލޫޓޮން ވަނީ މެޗުގެ ފުރަތަމަ 18 ސިކުންތު ތެރޭގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ލޫޓޮންގެ އެލައިޖާ އަޑަބެޔޯއެވެ. ލޫޓޮން ވަނީ އޭގެ ދެމިނެޓު ފަހުން ލަނޑު ޖަހައި ލީޑު ދެ ގޯލަށް ފުޅާކޮށްފައެވެ. މި ގޯލާއެކު ލޫޓޮން ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ދެވަނައަށް މެޗެއްގައި އެންމެ އަވަހަށް ދެ ގޯލުގެ ލީޑެއް ނެގި ޓީމަށް ވެފައެވެ.
ލޫޓޮންގެ ތިންވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ކާމިޔާބު ކުރީ ލޫޓޮންގެ ފުރަތަމަ ލަނޑު ޖަހައިދިން އަޑެބަޔޯއެވެ. މެޗުގެ 56 ވަނަ މިނެޓުގައި އަޑެބަޔޯ ވަނީ އޭނާގެ ތިން ވަނަ ލަނޑު ޖަހައި, އޭނާގެ ހެޓްރިކް ކާމިޔާބުކޮށް, ލޫޓޮންގެ ލީޑު ހަތަރު ގޯލަށް އިތުރުކޮށްފައެވެ. އަޑެބަޔޯ ކާމިޔާބު ކުރި ހެޓްރިކާއެކު އޭނާ ވަނީ ލޫޓޮންގެ ތާރީހުގައި ޕްރިމިއާ ލީގުގައި ހެޓްރިކެއް ހެދި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.
މި މެޗުން މޮޅުވުމާއެކު ލޫޓޮން ވަނީ ކުޅުނު 21 މެޗުން ލިބުނު 19 ޕޮއިންޓާއެކު ރެލިގޭޝަން ޒޯނުން ސަލާމަތްވެ, ލީގުގެ 17 ވަނައަށް ޖެހިލައިފައެވެ. މެޗުން ބަލިވި ބްރައިޓޮން އޮތީ ކުޅުނު 22 މެޗުން ލިބުނު 32 ޕޮއިންޓާއެކު ތާވަލުގެ 8 ވަނައިގައެވެ.