ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމަށް މިއަދު ހެނދުނު ދިން ހަމަލާގެ ތަހުގީގު ފުރިހަމަ އަށް ހިނގާކަން ކަށަވަރު ކުރުމަށް އެ މައްސަލަ ރައްޔިތުންގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ޝަމީމަށް ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގުކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ތަހުގީގު ނިންމާކަން ކަށަވަރުކޮށްދިނުމަށް 241 ކޮމިޓީއަށް ހުށަހަޅައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޝަމީމަށް މިއަދު ހަމަލާދީފައިވަނީ ފަތިހުން ފެށިގެން އޭނާގެ ހަރަކާތްތަކަށް ފާރަލުންދިޔަ ދެ މީހެކެވެ. ދެ މީހުން ސައިކަލެއްގައި ގޮސް މަރުތޭލެއް ބޭނުންކޮށްގެން ދިން ހަމަލާގައި ޝަމީމްގެ ވައަތުގައި ވަނީ ރެނދުލައިފައެވެ. އޭނާ އަށް އޭޑީކޭ ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައެވެ. ޝަމީމަށް ހަމަލާދީފައި ވަނީ ދުވެ ނިންމެވުމަށް ފަހު، ދަރިފުޅު ސްކޫލަށް ލާފައި ވަޑައިގެން ގެއަށް ވަންނަވަނިކޮށެވެ.

ޝަމީމަށް ދިން ހަމަލާ ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ހިންގާ ޓެރަރިސްޓް އަދި އަނިޔާވެރި އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާއި އިހްތިޔާރެއް ބޭނުން ކުރާނެ ކަމަށެވެ.

މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެ ކަމަށް ބަޔާނުގައިވެއެވެ. އަދި ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ހިދުމަތްތެރީންގެ ރައްކާތެރިކަމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.