ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯ އިން އިއްޔެ އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ހަތަރުވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 4.1 ބިލިއަން ރުފިޔާގެ އާމްދަނީއަށްވުރެ 2.7 ޕަސެންޓް ދަށް އަދަދެކެވެ.

އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، އެސްޓީއޯއިން ބުނި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމުން ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީވެސް ދަށްވުމެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ކުންފުނި ހިންގުމަށްދިޔަ ހަރަދު އޭގެ ކުރީ ކުއާޓަރަށްވުރެ 56 މިލިއަން ކުޑަވި ނަމަވެސް ހަތަރުވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާވެސް ވަނީ ދަށްވެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 196 މިލިއަން ރުފިޔާ ލިބުނު ކަމަށް ހިސާބުތައް ދައްކާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 183 މިލިއަން ރުފިޔާއެވެ. މިއީ 13 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ ހިސާބުތަކުން މިދިޔަ 2023 ވަނަ އަހަރާއި 2022 ވަނަ އަހަރާ އަޅާކިޔާއިރު، 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 18.2 ބިލިއަން ރުފިޔާއަށްވުރެ 1.8 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ނަމަވެސް 2022 ވަނަ އަހަރަށްވުރެ 2023 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ވަނީ 91 މިލިއަން ރުފިޔާ އިތުރުވެފައެވެ. އެގޮތުން 2022 ވަނަ އަހަރު 728 މިލިއަން ރުފިޔާގެ ސާފު ފައިދާގލިބުނުއިރު 2023 ވަނަ އަހަރު 819 މިލިއަން ރުފިޔާ ލިބިފައިވެއެވެ.