ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް ނިޔާވުމަކީ ރާއްޖޭގެ ގާނޫނީ ހިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ކުއްލި ގޮތަކަށް ނިޔާވުމާާ ގުޅިގެން އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމަށް ގެއްލިގެން އެ ދިޔައީ ހިދުމަތްތެރި ޒުވާން ތައުލީމީ ދަރިއެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ވިޝާމްގެ އާއިލާއާއި ބާ ކައުންސިލްގެ އެންމެހާ ވަކީލުންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

"މަރްޙޫމް އިސްމާއީލް ވިޝާމްގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި އެވެ. އަދި ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި މަރުހޫމް އިސްމާޢީލް ވިޝާމް ލަހައްޓަވައި އެ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި އެވެ. އާމީން،"
ރައީސް ވިދާޅުވެފައިވެ އެވެ

ވިޝާމް އަކީ ކުޅިވަރުގައި ވެސް އެކި މަސައްކަތްތައް ކުރެއްވި ބޭފުޅެކެވެ. އެ ގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ގުޅިގެން އެކި މަސައްކަތްތައް ކުރެއްވި އެވެ. އުމުރުން 39 އަހަރުގެ ވިޝާމް ވަނީ މީގެކުރިން ބަންޑާރަނައިބުގެ ނައިބުގެ މަގާމު ވެސް ފުރުއްވައިފައެވެ.

ބާ ކައުންސިލުގެ ރައީސްކަމަށް ވިޝާމު އިންތިހާބުވީ 2022 ވަނަ އަހަރުގެ ޖޫން މަހުގައެވެ.