ހޯއްގަވާ ކެއްސުމުގެ އިތުރު ކޭސް އެއް ގއ ވިލނގިލިން ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ވިދާޅުވެއްޖެއެވެ.

މިއާއެކު، އެ ރަށުން މިއަހަރުގެ މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ފަހަކަށް އަރައިފައެވެ.

އެޗްޕީއޭއިން ވިދާޅުވީ މި ކޭސް ފެނިފައިވަނީ އިއްޔެގައި ކަމަށާއި އަދި ގއ. ވިލިނގިލީގައި ބަލި ފެތުރުން، މަދު ކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލައި، ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދެނެގަނެވިފައިވާ ކޮންޓެކްޓުންގެ ގޮތުގައި 177 މީހުން އެބަތިބިއެވެ. އަދި އަލާމާތްތައް ހުރި ކޮންޓެކްޓުންގެ އަދަދު 25 އަށް އަރައެވެ. އަލާމާތް ހުރެގެން ޓެސްޓް ކުރެވުނު އަދަދު 46 އަށް އަރާއިރު ހައި ރިސްކުންގެ ގޮތުގައި ދެ ކޮންޓެކްޓުން އެބަތިއްބެވެ.

ހޯއްގޮވާ ކެއްސުމަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާއްމު ރޯގާތަކުގައިވެސް ފެންނަ އަލާމަތްތަކެވެ. އަދި ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ، ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދެއެވެ.

ނަމަވެސް އެޗްޕީއޭއިން ވިދާޅުވެފައިވާ ގޮތުގައި ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ މީހަކަށް ބަލި ޖެހިއްޖެނަމަ، ބަލީގެ މާ ބޮޑެތި އަލާމާތްތައް ނުފެނިދާނެއެވެ.