ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން, ފަތުހުﷲ ޖަމީލު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިގޮތުގައި އެމަނިކުފާނު އިސްތިއުފާ ދެއްވައިފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން އަންނަ މާޗް މަހު ބާއްވާ އިންތިހާބުގައި ވާދަކުރެއްވުމަށެވެ. ފަތުހުﷲ ޖަމީލު ވާދަކުރައްވަނީ މަޖިލީހުގެ ތިމަރަފުށި ދާއިރާއަށެވެ.

ޓެކްސް ކަމޮޝަނަރަކަށް ފަތުހުﷲ ޖަމީލު އައްޔަނު ކުރީ 2019ގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުއެވެ. އެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓާ ޖެނެރަލް އޮޑިޓް އެންޑް އެންޑް އިންވެސްޓިގޭޝަންގެ މަގާމާއި ދިރާގުގެ މެނޭޖާ ޓެކްސް ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަގާމު އަދާކުރައްވައިފައެވެ.

ފަތުހުﷲ ޖަމީލު ދިރާގުގެ މެނޭޖާ ޓެކްސް ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަގާމަށް ވަޑައިގެންނެވީ މީރާގައި ފަސް އަހަރު ވާންދެން ހިދުމަތް ކުރުމަށްފަހުގައެވެ.