"ދަ ކިންގް" ނުހަދާ ގޮތަށް ނިންމިކަމުގެ ހަބަރު، ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކްހާން، ހިތްތަކުގެ ރަސްގެފާނާއެކުގައި ދަރިފުޅު ސުހާނާ ފެންނާނެކަމަށް ބެލުންތެރިން ކުރަމުން ދިޔަ އުއްމީދުތައް ފެނަށް ހަދާލައިފިއެވެ.

އަންނަ މަހު ނުވަތަ އެޕްރީލް މަސް ތެރޭގައި ޝޫޓިން ފަށަން ނިންމާފައިވާ ފިލްމު ނަހަދައި މަޑުޖައްސައިލަން ނިންމީ ދަރިފުޅަށް ޝާހްރުކާ ގުޅުވައިގެން އަމާޒުވެދާނެ ފާޑުކިޔުންތަކާއި އަޅާކިޔުމުގެ ކަންތައްތަކާއި ކުރިމަތިލާން ޖެހިދާނެތީ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން ހަމައެކަނި އަންހެން ދަރިފުޅު ސުހާނާގެ ފުރަތަމަ ފިލްމަކީ މިދިޔަ ޑިސެމްބަރު މަހު ނެޓްފްލިކްސް އިން ގެނެސްދިން ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ "ދި އާޗީސް" އެވެ.

ދަ ކިންގް" އާ ބެހޭ އެއްވެސް މައުލޫމާތެއް ޝާހްރުކް ހާންގެ ފަރާތުން ރަސްމީކޮށް ހާމަކޮށްފައިނުވާ އިރު، ގިނަ ބަޔަކު އިންތިޒާރު ކުރަނީ ޝާހްރުކްގެ ފަރާތުން ލިބޭނެ ޚަބަރަކަށެވެ. "ދަކިންގް" އަކީ ދަރިފުޅާއެކު ބައްޕަ ފެނިގެންދާނެކަމަށް އެތައް ބަޔަކު އެދިގެން އުއްމީދާއެކު އިންތިޒާރު ކުރަމުން ދިޔަ ފިލްމެކެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ދަ ކިންގް" އަކީ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓާއި މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު މާފްލިކްސް ގުޅިގެން ހަދަން ނިންމި އެކްޝަން ފިލްމެކެވެ.