ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް ލިވަޕޫލުން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ރޭގައި ލިވަޕޫލުގެ އެންފިލްޑްގައި ކުޅުނު މެޗަކީ, ލިވަޕޫލުގައި އަށް އަހަރު ކޯޗުކަން ކޮށްދީފައިވާ ޔާގަން ކްލޮޕް މިސީޒަން ނިމުމުން ކްލަބު ދޫކޮށްލާނެ ކަމަށް އިއުލާނު ކުރި ފަހުން އަމިއްލަ ދަނޑުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގައި ލިވަޕޫލުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާ މެޗުގެ 23 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ސްޓްރައިކަރ ޑިއޯގޯ ޖޯޓާއެވެ. މެޗުގެ 39 ވަނަ މިނެޓުގައި ލިވަޕޫލުގެ ޒުވާން ކުޅުންތެރިޔާ ކޮނަރ ބްރޭޑްލީ ކާމިޔާބުކުރި ލަނޑާއެކު އެޓީމުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ލިވަޕޫލުގެ ޑާވިން ނޫނޭޒަށް ވަނީ ޕެނަލްޓީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.
ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ލިވަޕޫލަށް މިސީޒަނުގައި ސޮއި ކުރި ޑޮމިނިކް ސްބޮޒްލާއީ ވަނީ ލަނޑު ޖަހައި ލިވަޕޫލުގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. ނަމަވެސް 71 ވަނަ މިނެޓުގައި, ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ކްރިސްޓޮފާ އެންކުންކޫ ވަނީ ޗެލްސީއަށް ގޯލެއް ޖަހައިދީ ލިވަޕޫލުގެ ލީޑު ކުޑަކޮށްފައެވެ. މެޗުގައި ލިވަޕޫލުގެ ހަތަރު ވަނަ ލަނޑު ޖަހައިފައިވަނީ 79 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ ޑާވިން ނޫނޭޒް ފަހިކޮށްދިން ފުރުސަތަކުން ލުއިސް ޑިއާޒެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލަށް ވަނީ ލީގުގެ އެއްވަނައިގައި ހަމަޖެހިލުމުގެ ފުރުސަތު ލިބިފައެވެ. ލިވަޕޫލު އެއްވަނައިގައި އޮތީ ކުޅުނު 22 މެޗުން ލިބުނު 51 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 46 ޕޮއިންޓެވެ. މިސީޒަނުގެ އެންމެ އެދެވޭ ފަދަ ކުޅުމެއް ފެންނަމުން ނުދާ ޗެލްސީ އޮތީ ތާވަލުގެ 10 ވަނައިގައެވެ.