ޕްރިމިއާ ލީގުގައި ބާންލީއާ މެންޗެސްޓާ ސިޓީ ވާދަ ކުރި މެޗު 3-1 އަކުން ކާމިޔާބުކޮށް ލީގުގެ ދެވަނައަށް މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.
މެންޗެސްޓާ ސިޓީގެ އެތިހާދް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅަ ކޮންޓްރޯލު ކޮށްގެން ރަނގަޅަށް ކުޅެފައިވަނީ ސިޓީއެވެ. އެޓީމުން ވަނީ މެޗުގެ 16 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ މިސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޖޫލިއަން އަލްވަރޭޒެވެ. އޭގެ 6 މިނެޓު ފަހުން އަލްވަރޭޒް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ސިޓީގެ ލީޑު ދެގޯލަށް ފުޅާކޮށްދީފައެވެ.
ސިޓީގެ ތިންވަނަ ލަނޑު ޖަހާފައި ވަނީ ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ރޮޑްރީއެވެ. މެޗުގައި ބާންލީގެ ހަމައެކަނި ލަނޑު ފެނިގެންގޮސްފައި ވަނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިރާގަށް ނިސްބަތްވާ އަމީން އަލްދަހިލްއެވެ.
މި ލިބުނު މޮޅާއެކު ސިޓީއިން ވަނީ ކުރިން ދެވަނައިގައި އޮތް އާސެނަލްއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފައެވެ. ދެޓީމަށް ވެސް ލިބިފައިވަނީ 46 ޕޮއިންޓް ކަމުގައިވި ނަމަވެސް ގޯލުގެ ތަފާތުން ކުރީގައި އޮތީ ސިޓީއެވެ. މެޗުން ބަލިވި ބާންލީ އޮތީ ކުޅުނު 22 މެޗުން ލިބުނު 12 ޕޮއިންޓާއެކު ރެލިގޭޝަން ޒޯނުގައި 19 ވަނައިގައެވެ.