ވިއެޓްނާމުން ކޮވިޑް-19 ބަލީގެ އިތުރު ކްލަސްޓަރތަކެއް ފެނުމާ ގުޅިގެން، އެގައުމުގެ 22 ޕްރޮވިންސެއްގެ ސްކޫލްތައް ބަންދުކޮށްފިއެވެ.
ސްކޫލްތައް ބަންދުކުރުމުގެ އިތުރުން، ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އަހަރީ ކޮންގްރެސްވެސް މިހާރުވަނީ ފަސްކޮށްފައެވެ.
ސްކޫލްތައް ބަންދުކޮށް ވިއެޓްނާމުން ފިޔަވަޅުތައް މިއެޅީ، ކުރިއަށް އޮތީ އެގައުމުގެ ލޫނަރ އައު އަހަރުގެ ބަންދު ދުވަސްވަރަށް ވާތީ، ބަލީގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެތީއެވެ.
ކޮވިޑް ވައިރަހުގެ އާ ކްލަސްޓަރތައް ވިއެޓްނާމުގެ އުތުރުގެ ސަރަހައްދުތަކުން ފެނިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
ވިއެޓްނާމުން ގެންދަނީ އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ކޮވިޑަށް ޓެސްޓްކުރަމުންނެވެ. އަދި ހަރުކަށި ކަރަންޓީނު އުސޫލެއްވެސް ގާއިމްކޮށްފައި ވެއެވެ.
އެގައުމުން ކޮވިޑްބަލި ޖެހުނު މީހުންނާއި، ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު މަދުކުރެވުނީ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ގަބޫލު ކުރެވިފައި ވެއެވެ.
ވިއެޓްނާމުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ 1،850 މީހުންނެވެ. އަދި ބަލީގައި މަރުވެފައިވަނީ 35 މީހުންނެވެ.
އެހެންވެ، ކޮވިޑާ ދެކޮޅަށް އެންމެ ފުރިހަމަ ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރޭގައި ވިއެޓްނާމް ހިމެނި، ދުނިޔޭގެ ތައުރީފް އެ ގައުމަށް ލިބިގެން ގޮސްފައި ވެއެވެ.
އެހެން ނަމަވެސް، ވިއެޓްނާމުގެ ކޮރޯނާވައިރަސް ޓާސްކްފޯހުގެ ވެރިޔާ ވިދާޅުވީ، ކުރިއަށްއޮތީ ގޮންޖެހުންބޮޑު، އުނދަގޫ ބަންދު ދުވަސްވަރެއް ކަމަށެވެ.
ވިއެޓްނާމުން އަލަށް ފެނިގެން އުޅޭ ކްލަސްޓަރތަކުން މީހުން ޕޮޒިޓިވްވެފައިވަނީ، ޖަޕާނުން އައި ވިއެޓްނާމްގެ މަސައްކަތްތެރިއެއްގެ ފަރާތުންނެވެ. އެމީހާއަށް ބަލިޖެހިފައިވަނީ ޔޫކޭއިން ފެނިގެންއުޅޭ ވޭރިއެންޓްގެ ޒަރީއާއިން ކަމަށް ވިއެޓްނާމުން ބުނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވިއެޓްނާމުގެ 9 ސިޓީއާއި ޕްރޮވިންސަށް ބަލި ފެތުރިގެން ގޮސްފައިވާއިރު، ވެރިރަށް ހެނޯއީއިން މި ހޯމަދުވަހު އެކަނިވެސް 33 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ވިއެޓްނާމް ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.