އޭޝިއަން ކަޕުގެ ކުއާޓާ ފައިނަލުގައި ތަޖިކިސްތާނާ ޖޯޑަން ބައްދަލު ކުރި މެޗު 1-0 އަކުން ކާމިޔާބުކޮށް ޖޯޑަންއިން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު ކުއާޓާގެ ޖާގަ ޖޯޑަންއިން ކަށަވަރުކުރީ މުބާރާތުގެ ދެވަނަ ބުރުގައި އިރާގާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-2 އަކުން ކާމިޔާބުކޮށްގެންނެވެ. ޓަޖިކިސްތާނަށް ކުއާޓާއިން ޖާގަ ލިބުނީ މުބާރާތުގެ ދެވަނަ ބުރުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ.
މެޗުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ދެޓީމުން ވެސް ވަނީ އަނެއް ޓީމުގެ ގޯލަށް ނުރައްކާ ކޮށް މެޗުގައި ލީޑު ނެގުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައިރު ދެޓީމަށް ވެސް ގޯލު ޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ވަނީ ނުހިފިފައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖޯޑަންއިން ކާމިޔާބު ކުރީ މެޗުގެ ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ތަޖިކިސްތާނުގެ ޑިފެންޑާރ ވަހްދަތު ހަނަނޮވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ޖޯޑަންއަށް ލީޑު ލިބުމާއެކު ތަޖިކިސްތާނު ވަނީ މެޗު އެއްވަރު ކުރުމަށް ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޖޯޑްން ވަނީ ތަޖިކިސްތާނުގެ ވަރުގަދަ ހަމާލާތައް މަތަކޮށް އެއް ލަނޑު ސުން ލަނޑުން ކުރީގައި އޮވެ މެޗު ނިންމާލާފައެވެ.
މެޗުން މޮޅުވުމާއެކު ދެން ސެމީގައި ޖޯޑަން ނިކުންނާނީ ރޭގައި ސެމީގެ ޖާގަ ކަށަވަރުކުރި ސައުތު ކޮރެއާއާ ދެކޮޅަށެވެ.