އޭޝިއަން ކަޕުގެ ކުއާޓާ ފައިނަލުގައި ސައުތު ކޮރެއާއާ އޮސްޓްރޭލިއާ ބައްދަލުކުރި މެޗު 2-1 އަކުން ކާމިޔާބުކޮށް ސެމީގެ ޖާގަ ސައުތު ކޮރެއާއިން ކަށަވަރުކޮށްފިއެވެ.

މިމެޗަށް ނިކުތްއިރު އޮސްޓްރޭލިއާ މިމުބާރާތުގައި އަދި ބަލިވެފައެއް ނުވެއެވެ. އޮސްޓްރޭލިއާ ކުއާޓާގެ ޖާގަ ކަށަވަރު ކޮށްފައިވަނީ މުބާރާތުގެ ދެވަނަ ބުރުގައި އިންޑޮނޭޝިއާ 4-0 އަކުން ބަލިކޮށްގެންނެވެ. ސައުތު ކޮރެއާ ކުއާޓާގެ ޖާގަ ކަށަވަރުކުރީ މުބާރާތުގެ ދެވަނަ ބުރުގައި ސައުދީ އަރަބިއާއާ ދެކޮޅަށް ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށްގެންނެވެ.

އަލްޖަނޫބު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރަނގަޅަށް ކުޅެފައިވަނީ ސައުތު ކޮރެއާއެވެ. ސައުތު ކޮރެއާ ވަނީ އޮސްޓްރޭލިއާގެ ގޯލްކީޕާރ މެތިއު ރަޔަންގެ ގޯލަށް އެތައް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް މެޗުގައި ތަފާތު ކުޅުމެއް ދެއްކި ރަޔަން ވަނީ ހުށިޔާރުކަމާއެކު އެހުރިހާ ހަމަލާތަކެއް މަތަކޮށްފައެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ކައުންޓާ އެޓޭކިން ކުޅުމެއް ކުޅުނު އޮސްޓްރޭލިއާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އޮސްޓްރޭލިއާގެ ކްރެއިގް ގުޑްވިން ޖަހައިދިން ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ އޮސްޓްރޭލިއާ 1-0 އަކުން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ސައުތު ކޮރެއާ ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް މެޗު އެއްވަރު ކުރެވޭތޯ މަސައްކަތްކޮށްފައެވެ. މެޗުގައި ސައުތު ކޮރެއާ ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ، މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އެއް ގޯލަށް ވައްދާލައިގެންނެވެ. މިޕެނަލްޓީ ސައުތު ކޮރެއާއަށް ކާމިޔާބުކޮށްދިނީ ޕްރިމިއާ ލީގުގެ ވޫލްވްސްއަށް ކުޅެމުން އަންނަ ހްވަންގް ހީޗެންއެވެ. ސައުތު ކޮރެއާ މެޗު ކާމިޔާބު ކުރި ލަނޑު ޖެހީ މެޗު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑު ކާމިޔާބުކުރީ ޓޮޓެންހަމްގެ ތަރި ސޮން ހިޔުންމިންއެވެ.

މެޗުން މޮޅުވުމާއެކު ސައުތު ކޮރެއާ ސެމީ ފައިނަލުގައި ނިކުންނާނީ ތަޖިކިސްތާނު ބަލިކޮށް ސެމީގެ ޖާގަ ކަށަވަރުކުރި ޖޯޑަންއާ ދެކޮޅަށެވެ.