ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމައިދިނުމަށް އެދި ކޯޓަށް އޮޓޮމެޓިކުން ސިޓީ ފޮނުވޭ ގޮތް ހަދާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ މިއީ ގެވެށި އަނިޔާގެ އަމަލުތަކާ ގުޅިގެން ޖިނާއީ ދައުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީއަތް އަވަހަށް ހިންގައި މައްސަލަ ނިމޭނެ ހެން ހަމަޖެއްސި ގޮތެއް ކަމަށެވެ. މިގޮތަށް ނިންމާފައި މިވަނީ ޖިނާއީ ދައުވާތަކަށް ވީހާވެސް އަަވަހަށް އިންސާފު ގާއިމުކޮށްދިނުމުގެ އިތުރަށް ހުށަހެޅޭ މައްސަލައިގެ ސަބަބުން އަނިޔާގެ ޝިކާރައަށްވާ މީހުންނަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ވެސް ޕީޖީ އިން ވަނީ ހާމަކޮށްފައެވެ.
އަދި ހަމައެހެންމެ ގެވެށި އަނިޔާގެ މައްސަލަތަކުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކާ އެއްގޮތަށް އަވަސްގޮތަކަށް އެމައްސަލަ ތާވަލުކޮށް، ޝަރީއަތްތައް ކެންސަލްނުވެ، މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސް ނިންމަވައިދެއްވުން އެދި، މައްސަލަ ހުށަހަޅާ ކޯޓަކަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ޕީޖީ އޮފީހުން ނިންމާފައިވާކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، އެސިޓީ މިހާރު ދާނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވެމުން ކަމަށް ޕީޖީ އޮފީިހުން ބުނެފައިވެއެވެ. އަދި މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެ މުއާމަލާތުތައް ފެންނަން ހުންނާނެކަމަށްވެސް އެ އޮފީހުން މަައުލޫމާތުދީފައިވެއެވެ.
:މީގެ ބޭނުމަކީ، ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުމެވެ." ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން،
- މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް، މައްސަލަ ހިނގަމުންދާ ގޮތް
- ތާވަލު ކުރާ ދުވަސްތަކާއި ގަޑިތައް
- ތާވަލުކުރި މައްސަލައަށްވީ ގޮތް
މިހުރިހާ ކަމެއްވެސް ކުރިއަށްދާ ގޮތް ޕީޖީ އޮފީހުގެ ވެބްސައިޓުން ބެލޭނެ އިންތިޒާމު ވެސް ވަނީ ގާއިމުކޮށްފައެވެ.