އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި އެންގޯލާއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލު 1-0 އަކުން ކާމިޔާބުކޮށް މުބާރާތުގެ ސެމީގެ ޖާގަ ނައިޖީރިއާއިން ކަށަވަރުކޮށްފިއެވެ.
މިމެޗަށް ނިކުތްއިރު ދެޓީމު ވެސް މިމުބާރާތުގައި އަދި ބަލިވެފައެއް ނުވެއެވެ. ނައިޖީރިއާ ކުއާޓާގެ ޖާގަ ކަށަވަރުކުރީ މުބާރާތުގެ ދެވަނަ ބުރުގައި ކެމެރޫނާ ދެކޮޅަށް ކުޅުނު މެޗު 2-0 އަކުން ކާމިޔާބުކޮށްގެންނެވެ. އެންގޯލާ މިމެޗަށް އައީ މުބާރާތުގެ ދެވަނަ ބުރުގައި 3-0 އަކުން ނަމީބިއާ ބަލިކުރުމަށްފަހުއެވެ.
މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައި ވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ދެޓީމުން ވެސް ވަނީ ގޯލެއް ޖެހުމަށް އެތައް ފުރުސަތެއް ފަހިކޮށްފައެވެ. މެޗުގައި ނައިޖީރިއާއިން މެޗުގައި ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޑެމޮލާ ލުކްމޭންއެވެ. ލުކްމޭންގެ ލަނޑާއެކު އެންގޯލާ ވަނީ މެޗު އެއްވަރު ކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ލަނޑެއް ޖެހުމަށް އެންގޯލާއިން ފަހި ކުރި ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ނުހިފި، އެންގޯލާ ވަނީ މެޗުން ބަލިވެފައެވެ.
ކުއާޓާ ކާމިޔާބުކުރި ނައިޖީރިއާ ސެމީގައި ނިކުންނާނެ ޓީމެއް އެނގޭނީ މިއަދު ކުޅޭ ކުއާޓާގެ މެޗުތައް ނިމުމުންނެވެ.