އަޑިއަށް ދިޔަ ޑިންގީއެއް ފެންމަތިކުރުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއާއި ކޯސްޓްގާޑްގެ މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވިލިމާލެއިން ތިލަފުށްޓަށް ޑިންގީ ކަފުޖަހައިގެން ގެންދިއުމުގެ މަގުމަތީގައި ގުޅީފަޅު ކައިރިން ޑިންގީއަށް ދިޔަވެ އަޑިއަށް ގޮސްގެން ކަމަށް މައުލޫމާތު މި ދިޔަމަހު ހަތާވީސް ވަނަ ދުވަހު ލިބިފައިވެއެވެ. މި ހާދިސާގެ މައުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ، އެ ދުވަހުގެ ހެނދުނު 9 ޖަހާއިރުކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އަޑިއަށް ދިޔަ ޑިންގީ ހޯދުމަށް ކޯސްޑްގާޑްގެ ޑައިވަރުން އެ ދުވަހު ކުރި މަސައްކަތުން، އެ ޑިންގީ ފެނިފައިނުވާކަމަށާއި ނަމަވެސް ފަހުން ޑިންގީގެ ވެރިފަރާތުން ސޯނަރ (އަންޑަވޯޓަރ އެކޯ ސައުންޑް) ޑިވައިސްއެއްގެ އެހީގައި އެ ޑިންގީ އޮތް ލޮކޭޝަން ފާހަގަކޮށް، އިތުރު އެހީތެރިކަމަށް އެދުމުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިންނާއި، ކޯސްޓްގާޑްގެ މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ ސްކޮޑްރަންގެ ސިފައިން ވަނީ އިއްޔެ ހެނދުނުން ފެށިގެން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން، އިއްޔެ 08:30 އިން ފެށިގެން ޑިންގީ ފެންމަތިކުރުމަށް ސިފައިން ކުރި މަސައްކަތުން އެދުވަހުގެ ހަވީރު 15:00 ހާއިރު، އެ ޑިންގީ ވަނީ ފެންމަތިކުރެވިފައެވެ. އަދި، ވެރިފަރާތާ މިހާރު ވަނީ އެ ޑިންގީ ހަވާލުކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.