ކަންޒުކަހަނބެއް ދުށީމު ހެއްޔެވެ؟ ނުފެނިދާނެއެވެ. އެހެންނަމަވެސް ކަންޒުކަހަނބާއި މުސަޅުގެ ވާހަކަ އަޑު ނާހާ މީހަކު ނުވަތަ ކުއްޖަކު ހުންނާނެހެން ހިޔެއް ނުވެއެވެ.
އެވާހަކައިގައި ބުނެފައިވާ ގޮތުން މުސަޅަކީ ވަރަށް ހަލުއި އެއްޗެކެވެ. ކަންޒު ކަހަނބަކީ ދުވެލި މަޑު ބުރަހެލި އެއްޗެކެވެ. މި ދޭތީގެ މެދުގައި ރޭހެއް ބޭއްވިއެވެ. މުސަޅު އޭގެ ހަލުއިކަމާއި ދުވެލީގެ މައްޗަށް ބޮޑާވެ ޣާފިލުވެފައި އޮއްވައި ކަންޒުކަހަނބު ރޭސް ނިންމީއެވެ. މިވާހަކަ ކުޑައިރު އަޑު އިވުމުން ކަންޒުކަހަނބަކީ ރާއްޖެއިން ބޭރުގައި އެކަނި އުޅޭ އެއްޗެއް ކަމަށް ހީކުރި މީހުން ވެސް އެބައުޅެއެވެ. ވާނީވެސް އެހެންނެވެ. އެއީ ރާއްޖޭގައި އެހާގިނަ އެއްޗެއް ނޫނެވެ.
އެއީ މަޢުލޫމާތު ނެތުމުން އޭރު ހީކުރެވިފައިވާ ކުށްހީއެއްކަން މިހާރު އެނގިއްޖެއެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ކަންޒުކަހަނބު އެބައުޅެއެވެ. މީގެ ކުރިން ރާއްޖޭގެ 7 ރަށެއްގައި އެސޮރުމެން އުޅުނު ކަމަށް ވެއެވެ. އެހެންނަމަވެސް މިހާރު އެ ސޮރުމެން އުޅޭކަމަށްވަނީ އެންމެ ތިން ރަށެއްގައެވެ. އެއީ ކ. ކާށިދޫ، މ. މުލި، ހދ. ކުނބުރުދޫއެވެ. ކުނބުރުދުއަކީ މިހާރު ފަޅުރަށެކެވެ. އެރަށު މީހުން ވަނީ ހދ. ނޮޅިވަރަންފަރަށް ބަދަލުވެފައެވެ.
ރާއްޖޭގެ ރަށްރަށުގެ ތެރެއިން ކަންޒުކަހަނބު އުޅެނީ ހަމައެކަނި މި ތިން ރަށުގައި ކަމުން އެރަށްރަށް ޚާއްސަވާން އެބަޖެހެއެވެ. ކަންޒުކަހަނބަށްޓަކައެވެ. އޭގެ އާބާދީއަށްޓަކައެވެ. އެ ރަރަށްރަށުގައި އެސޮރުމެން މިހާރު އުޅެމުންދަނީ ޤާނޫނީ ޙިމާޔަތުގެ ދަށުން މިނިވަންކަމާ އެކުގައެވެ.
ކުނބުރުދޫގައި ކުރިން ދިރިއުޅުނު މީހަކު ބުނިގޮތުގައި މިހާރުވެސް އެރަށަށް ދިއުމުން ކަންޒުކަހަނބު ފެންނަ ކަމަށެވެ. ކަހަނބުގެ އާބާދީ އެރަށުގައި ފުދޭ ވަރަކަށް ބޮޑެވެ. އަދި ކ. ކާށިދޫގައިވެސް ގިނަ ޢަދަދަކަށް ކަންޒުކަހަނބު ދިރިއުޅެއެވެ. ޤާނޫނީ ޙިމާޔަތުގައެވެ. ކަންޒުކަހަނބުގެ އާބާދީ އެ ދެ ރަށުގައި ގިނަވިޔަސް މ. އަތޮޅު މުލީގައި ދިރިއުޅޭ ކަންޒުކަހަނބުގެ އާބާދީ ވަރަށް މަދުވެއްޖެއެވެ. ސަބަބަކީ 2004 ވަނަ އަހަރު އެރި ސުނާމީއެވެ. ސުނާމީ ކާރިސާގައި މުއްޔަށް ރާޅު އަރައި ކަންޒުކަހަނބު ދިރިއުޅޭ ފަލަށް ރާޅުގެ އަސަރު ފޯރީއެވެ. އެއާއެކު އެސޮރުމެން ކުރިން ދިރިއުޅުނު މާޙައުލަށް ބޮޑު ބަދަލެއްއައެވެ. ނަތީޖާއަކަށްވީ ގިނަ ޢަދަދެއްގެ ކަނހަބު މަރުވުމެވެ. ދެންކުރަންވީ ކަމަކީ ކަންޒުކަހަނބުގެ އާބާދީ އެރަށުގައި އިތުރުކުރުމަށް މަސައްކަތް ކުރުމެވެ.
ކާށިދޫން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އެރަށުގައި ކަންޒުކަހަނބު ވަރަށް ގިނައެވެ. ވިއްސާރަ ދުވަސްތަކުގައި ރަށުތެރެއަށް ވެސް އެސޮރުމެން ނުކުމެއެވެ. ނަމަވެސް ކާށިދޫގެ އެއްވެސް މީހަކު ކަންޒުކަހަނބަކަށް ގެއްލުންވާނެ ޢަމަލެއް ނުކުރެއެވެ. ނަގައިގެން ގެއަށް ނުގެންދެއެވެ. ކުޑަކުދިން ވެސް ވަނީ މިކަމަށް ހޭލުންތެރިވެފައެވެ. އެއީ މާހައުލީ ނިޒާމަށް ކިހާ މުހިންމު އެއްޗެއްކަން އެކުދިންނަށް ވަނީ ސްކޫލުގައި ވެސް ބުނެދީފައެވެ. ނަމަވެސް ބައެއްފަހަރު އެސޮރުމެންނަށް ދިމާވާ ހިތާމަވެރި ކަމެއް އޮވެއެވެ. ރޭގަނޑު މަގުތަކަށް ނުކުމެ އުޅޭއިރު ދުއްވާ އުޅަނދުފަހަރުގެ ދަށުވެ މަރުވުމެވެ. އެކަން އެނގެނީ އިރުއަރާ ފަހުންނެވެ. އެހެން ކަމުން ދުއްވާ މީހުންވެސް މިކަމަށް ސަމާލުކަންދީގެން ކަންޒު ކަހަނބަށް ޙިމާޔަތް ދޭން އެބަޖެހެއެވެ. ކައުސިލުން މިކަމަށް ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ.
ކަންޒުކަހަނބުގެ ގެދޮރަކީ ފަލެވެ. ކަށިކޭލާއި ކުއްޅަވަށް ހެދިފައި ހުންނަ ޗަކަ ބިމެވެ. މިއީ އަދި ކުޅިއެއް ނޫނެވެ. މި ފާތަކުގައި އެސޮރުމެން ދިރިއުޅޭއިރު ކައި އުޅެނީ ގަސްދޮށުން ބިންމައްޗަށް ވެއްޓިފައި ހުންނަ ކަށިކޭލާއި، ބަނބުކޭލާއި، ކުއްޅަވަކާއި ކަނޑޫފަދަ ތަކެއެއްޗެވެ. ބޮނީ ފަލުގައި ހުންނަ ފެނެވެ.
ދުނިޔެއިން ނެތިހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ، ކަންޒުކަހަނބު އާންމުގޮތެއްގައި ބިސް އަޅާކަމަށް ވަނީ އޮގަސްޓް މަހާއި އޮކްޓޯބަރު މަހުގައެވެ. އޭގެ ބިސް ކުކުޅު ބިހަކަށްވުރެ ބޮޑުވާނެއެވެ. އަދި ބިސް ދިގުވެފައި ބިހުގެ ބޭރު ތޮށި މަޑުވާނެއެވެ. ވެލާ، ކަހަނބު ފަދައިން ކަންޒުކަހަނބުވެސް ގިނައިން ބިސް އަޅަނީ ވެލިގަނޑަށެވެ. ބިސް އެޅުމަށްޓަކައި އަމިއްލައަށް ވަޅު ކޮނެއެވެ. ވަޅު ކޮންނަނީ އޭގެ ފަހަތު ދެފައިންނެވެ. ކޮނުނު ކުޑަވަޅަށް ބިސް އެޅުމަށް ފަހު ފަސްލައި ބިސްތައް ފޮރުވައެވެ. ވެލިގަނޑުގެ އިތުރުން ބޯކޮށް ހެދިފައި ހުންނަ ވިނަ ބޮނޑި ބޮނޑި އަށާއި ކީސް ފިލާ، ގަސްތަކުގެ ބުޑަށާއި، ބޯ ކަށިކެޔޮ ގަސްތަކުގެ އަޅޯތަކުގެ ދަތި ދޭތެރެ ދޭތެރެއަށްވެސް ކަންޒު ކަހަނބު ބިސް އަޅާ ކަމަށް ވެއެވެ. ޖޯޑް ހަމަޔަށް ގޭގޭ ގޯތި ތެރޭގައި ގެންގުޅޭ ކަންޒުކަހަނބުވެސް ބިސް އަޅާ ކަމަށް ވެއެވެ. ކަންޒުކަހަނބުގެ ބިސް ފީވެ ޅަ ކަހަނބު ނުކުންނަން 45 ދުވަހާއި 60 ދުވަހުގެ މުއްދަތެއް ނަގައެވެ. މިގޮތުން ބައެއް ފަހަރު 2 ނުވަތަ ތިންކަހަނބުވެސް ނުކުމެއެވެ. ދިވެހި ކާބަފައިން ބުނެ އުޅޭ ގޮތުގައި ކަންޒުކަހަނބުގެ ބިހަކީ ވިހައެކެވެ.
ދިވެހިރާއްޖޭގައި މި އުޅެނީ އެއް ސައިޒެއްގެ ކަންޒުކަހަނބެވެ. އެއީ 38 ސެންޓިމީޓަރާއި 45 ސެންޓިމީޓަރާއި ދެމެދު ގެ ކަހަނބެވެ. މިފަދަ ދިރުންތައް ދިރާސާ ކުރައްވާ އިންޑިއާގެ އެން އެޗްއެން ދިލްކުރުޝީ (2019) ގައި ލިޔުއްވާފައިވަނީ ކަންޒުކަހަނބުގެ އުމުރަކީ 20 އަހަރާއި 40 އަހަރާ ދެމެދު ކަމުގައެވެ.
ކަންޒުކަހަނބުގެ ނަސްލު ނެތި ހިނގައިދާނެތީ ދިވެހި ސަރުކާރުން މިހާރު މިވަނީ ހިމާޔަތްދޭ ދިރޭތަކެތީގެ ލިސްޓްގައި ހިމަނާފައެވެ. އެގޮތުން މި ދިރުން ދެމެހެއްޓުމަށްޓަކައި އެ ތަކެތި ދިރިއުޅޭ ތަންތަން ހަލާކު ނުކޮށް އެސޮރުމެން ނަގައި އެހެން ތަންތަނަށް ނުގެންދިޔުން ވަރަށް މުހިއްމެވެ. ކަންޒުކަހަނބު އާލާ ކުރުމައްޓަކައި ފާ އޮންނަ އެހެން ރަށްރަށުމީހުން ވެސް މަސައްކަތް ކުރެއެވެ. ކަންޒުކަހަނބު ގެންގޮސް ފަލަށް ލައި ބިސްއަޅައިގެން އޭގެ އާބާދީ އިތުރުވޭތޯވެސް މަސައްކަތް އެބަކުރެއެވެ. ދިވެހި ރާއްޖޭގައި ދިރިއުޅޭ ކަންޒުކަނހަބުގެ ނަސްލު ނެތިދިޔަ ނުދިނުމަށްޓަކައެވެ. އަންނަން އޮތް ޖީލުތަކާ ހަމައަށްވެސް ރާއްޖޭގެ މި ދިރުންތައް ދެމެހެއްޓުމަށް ޓަކައެވެ.