ސަރުކާރު ކޯލިޝަނުން ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް އެ ދެ ބޭފުޅުންނަށް ފޮނުވައިފިއެވެ.

މި ކަމާގުޅިގެން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ, އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މިއަދު މި ދެ ބޭފުޅުންނަށް ފޮނުވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 23 މެންބަރުންގެ ސޮއިއާއެކު ހުށައަޅާފައިވާ މި މައްސަލާގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެކަމަށާއި، މުޅި ގައުމުގެ ލާބައާއި މަންފާއަށް ރިޔާއަތްކުރައްވަން ޖެހޭނެކަމަށެވެ.

ނަމަވެސް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަޖިލީހުގެ ރައީސް މަގާމުގެ ނުފޫޒު ބޭނުންކުރާކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މަޖިލީހުގެ ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގަމުން ވަކިކުރަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއިއެކުއެވެ.