އޭޝިއަން ކަޕުގެ ކުއާޓާ ފައިނަލުގައި ޖަޕާނާ އިރާނު ބައްދަލުކުރި މެޗު 2-1 އަކުން ކާމިޔާބުކޮށް އިރާނުން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގަތަރުގެ އެޑިއުކޭޝަން ސްޓޭޑިއަމްގައި ދެޓީމުން ބައްދަލުކުރި މެޗުގައި ދެޓީމުން ވެސް ވަނީ އަނެއް ޓީމުގެ ގޯލަށް ނުރައްކާކޮށް ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އިރާނުން ރަނގަޅު ހަމަލާތަކެއް އުފެއްދި ކަމުގައިވި ނަމަވެސް މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޖަޕާނުންނެވެ. މި ގޯލު ކާމިޔާބުކުރީ މެޗުގެ 28 ވަނަ މިނެޓުގައި ހިޑެމަސާ މޮރީޓާއެވެ. މޮރީޓާގެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ޖަޕާނު އެއް ލަނޑު ސުން ލަނޑުން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އީރާނުން ވަނީ ކުޅުން ރަނގަޅުކޮށް 55 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މުހައްމަދު މޮހެބީއެވެ. އީރާނުން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އަލިރެޒާ ޖަހަންބަޝްއެވެ. އަލިރެޒާގެ ލަނޑާއެކު އީރާނުން ވަނީ ދެވަނަ ހާފުގައި ނަތީޖާ އަނބުރާލާ މެޗު ކާމިޔާބުކޮށްފައެވެ.
އީރާނުން މުބާރާތުގެ ސެމީގައި ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ގަތަރާ ދެކޮޅަށެވެ.