އެފްރިކަން ކަޕް އޮޕް ނޭޝަންސް (އެފްކޮން)ގެ ކުއާޓާގައި 2-1 އަކުން މާލީ ބަލިކޮށް ސެމީގެ ޖާގަ މުބާރާތުގެ ހޯސްޓު ޓީމު ކަމުގައިވާ އައިވޮރީ ކޯސްޓުން ކަށަވަރުކޮށްފިއެވެ.
މިމެޗަށް އައިވޮރީ ކޯސްޓުން ނިކުތީ މުބާރާތުގެ ދެވަނަ ބުރުގައި ވަރުގަދަ ސެނެގާލް ބަލިކުރުމަށް ފަހުއެވެ. މާލީ ކުއާޓާގެ ޖާގަ ކަށަވަރުކުރީ ދެވަނަ ބުރުގައި 2-1 އަކުން ބުރްކީނޯ ފާސޯ އަތުން ކުރި ހޯދައިގެންނެވެ.
ސްޓޭޑް ބުއާކޭގައި ކުޅުނު މެޗުގެ 43 ވަނަ މިނެޓުގައި އައިވޮރީ ކޯސްޓްގެ އޮޑިލޮން ކަސޫނޫއަށް ދެރީނދޫ ހަމަވެ ދެއްކި ރަތް ކާޑާއެކު އެޓީމަށް ވަނީ މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކު ކުޅެން ޖެހިފައެވެ.
މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ މާލީއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 63 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެެއް ގޮތުގައި އެރި ނެނޭ ޑޯގްލީޒްއެވެ.
މާލީ ލީޑު ނެގުމާއެކު އައިވޮރީ ކޯސްޓުން ވަނީ ލަނޑެއްޖަހައި މެޗު އެއްވަރު ކުރުމަށް މަސައްކަތް ކޮށްފައެވެ. ހިތްވަރު އެލުވާނުލާ ކުރި މަސައްކަތުން އައިވޮރީ ކޯސްޓަށް ނަތީޖާ އެއްވަރު ކުރެވުނީ މެޗުގެ ނުވަދިހަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސައިމަން އެޑިންގްރާއެވެ. ސައިމަންގެ ލަނޑާއެކު މެޗު ވަނީ އެކްސްޓްރާ ޓައިމަށް ގޮސްފައެވެ.
އައިވޮރީ ކޯސްޓް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗުގެ އެކްސްޓްރާ ޓައިމުގެ 30 މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކުރީ އުމަރު ޑިއަކިޓޭއެވެ. ނަމަވެސް އޭނާ ލަނޑު ޖެހުމަށްފަހު ޓީޝާޓު ބޭލުމާއެކު ރެފްރީ ވަނީ ކުރިން ވެސް ރީނދުލެއް ދައްކާފަ ހުރި ޑިއަކިޓޭއަށް ދެވަނަ ރީނދުލަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭގެ ދެ މިނެޓު ފަހުން މާލީގެ ހަމާރީ ޓްރައޯރޭއަށް ދެއްކި ރަތް ކާޑާއެކު ދެޓީމުން ވެސް މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިން މަދުކޮށެވެ.
ކުއާޓާ ކާމިޔާބު ކުރުމަށް ފަހު އައިވޮރީ ކޯސްޓުން ދެން ނިކުންނާނީ މުބާރާތުގެ ސެމީގައި ޑިމޮކެރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ދެކޮޅަށެވެ.