ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 ވެކްސިނާއި ގުޅޭ މައުލޫމާތު ނުފެތުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ބްރޯޑްކޮމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފެށުމާ ގުޅިގެން، އެކަމާ ގުޅޭ މަޢުލޫމާތު ބްރޯޑްކާސްޓްކުރުމުގައި ޢާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، މިކަމާ ގުޅޭ އެންމެހައި ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ކޮވިޑް-19 ވެކްސިންއާ ގުޅޭ ގޮތުން މަޢުލޫމާތު ގެނެސްދިނުމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ މަޢުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ފަހު (ވެރިފައިކޮށްފައި) ގެނެސްދޭ މަޢުލޫމާތަކަށް ވުމާއި، މަޢުލޫމާތު ގެނެސްދިނުމުގައި ސިއްޙީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިން ގެނެސްދިނުމަށް ބްރޯޑްކޮމް އިން ވަނީ އެދިފައެވެ.

މީގެއިތުރުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 ވެކްސިންއާ ގުޅޭ މަޢުލޫމާތު ނުފެތުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

"ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮވިޑް-19 ވެކްސިންގެ ޚަބަރާއި މަޢުލޫމާތު މި ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެކަމާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު) އާ ޚިލާފަށް ކޮންޓެންޓް ގެނެސްދޭ ނަމަ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އަޅާނޭ ވާހަކަ ވެސް ދަންނަވަން" އެ ބަޔާނުގައި ވެއެވެ.

ކޮވިޑް-19 ވެކްސިންއާ ގުޅޭ މަޢުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް ބްރޯޑްކޮމް އިން ވަނީ ކަމާބެހޭ ފަރާތްތަކަށް ވެސް ގޮވާލާފައެވެ.