ކުރިއަށް އޮތް ދެ އަހަރު ތެރޭގައި، ހުއްޓިފައިވާ ނާގޯށީގެ މަސަައްކަތް ނިންމޭނެ ކަމަށް މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ވިދާޅުވެއްޖެއެވެ. މިއީ ހދ އަތޮޅުގެ ރައްޔިތުންގެ އަހަރުތަކެއްގެ ޝަކުވާއަށް ނިމުން ގެނައި އުފާވެރި ހަބަރެއްކަން ޔަގީނެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ރޭގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގައި ނިޔާޒު ވަނީ ފާއިތުވި އަހަރުތަކުގައި ނާގޯށީގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްގެންވެސް ކުރިއަށްނުގެންދެވި އޮތްކަން ފާހަގަކުރައްވާފައެވެ. 2006 ވަނަ އަހަރު، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖޭގެ ޓުއަރިޒަމް ދާއިރާ އުތުރުން ދެކުނަށް ތަރައްގީކުރަން ނިންމެވި ނިންމެވުމުގެ ދަށުން ކުރައްވަން އުޅުމާއެކުވެސް ކުރިއަށް ނުގެންދެވި މިމަސައްކަތް އޮތީ ހުއްޓިފައިކަން ނިޔާޒު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވެސް ނާގޯށީގެ މަސައްކަތް ނިންމުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެންނަމަވެސް އެ ރިސޯޓު ނިންމިފައި ނުވާތީ ހދ. އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަތޮޅުގައި ރިސޯޓެއް ނެތުމަކީ އެ އަތޮޅުގެ ރައްޔިތުން އަބަދުވެސް ޝަކުވާ ކުރާ މައްސަލައެކެވެ.

އެހެންނަމަވެސް އަހަރުތަކަކަށްފަހު މިހާރު ނާގޯށި ތަރައްގީކުރާނީ ސީދާ އެމްޓީޑީސީން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ކަމަށް ނިޔާޒު ވަނީ ވިދާޅުވެފައެވެ. މިކަމަށް ފައިސާ ހަމަޖެހި، ކުރިއަށް އޮތް ދެ އަހަރެއް ތެރޭ ނާގޯށީގެ އަމަލީ މަސައްކަތް ނިންމާލެވޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ސީދާ އެމްޓީޑީސީން ކުރިއަށް ގެންދާއިރު، ، ބޭރުގެ އިންވެސްޓަރެއް އިންވެސްޓުކުރަން ބޭނުުން ނަމަ، އެ ރިސޯޓު ތަރައްގީކުރަން އިންވެސްޓްކުރުމުގެ މަގުފަހުިވެފައިވާ ކަމަށްވެސް ނިޔާޒު ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އެ ރިސޯޓު ތަރައްގީކުރުމުގެ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމައިލެއްވިއްޖެ ނަމަ، އެ ޕްރޮޖެކްޓުގެ ދަށުން 128 ކޮޓަރިއާއެކު ރިސޯޓު ތަރައްގީކުރެވޭނެ ކަމަށާއި އެ އަދަދު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ، އެ މަސައްކަތަށް ފައިސާގެ ކަންކަން ހަމަޖެއްސުމަށް ސަރުކާރުން ދަނިީ ގިނަ މަސައްކަތްތަކެއް ކޮށްދެމުން ކަމަށާއި އެ ރިސޯޓު އެންމެ ފުރަތަމަ ތަރައްގީކުރަން ފެށި ރަޝިއާ ކުންފުނިން މަސައްކަތުގެ 37 ޕަސެންޓު ނިންމާފައިވާ ކަމަށެވެ.

އެމްޓީޑީސީ އުފެދުނީއްސުރެ މިހާތަނަށް 25،000 ހިއްސާދާރުން ތިބިކަން ފާހަގަކުރައްވައި ނިޔާޒް ވިދާޅުވީ، މިހާރު އެ ކުންފުނީގެ ކޮންމެ ހިއްސާދާރަކަށްވެސް އެއް ޕަސަންޓު ހިއްސާ ގެންގުޅެވޭނެ ކަމަށެވެ.