އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަދި ލިވަޕޫލު ބައްދަލުކުރި މެޗު 3-1 އަކުން ކާމިޔާބުކޮށް އާސެނަލް ތާވަލުގެ ދެވަނައަށް ރޭ ޖެހިލައިފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެޓީމުން ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައި ވަނީ އާސެނަލްއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 14 ވަނަ މިނެޓުގައި ބުކާޔޯ ސާކާއެވެ. ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ އާސެނަލްގެ ޑިފެންޑާރ ގެބްރިއަލް އަތުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އާސެނަލް ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ ލިވަޕޫލުގެ ގޯލްކީޕަރ އެލިސަން ބެކާރއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި, އާސެނަލްގެ ޒުވާން ފޯވާޑު ގެބްރިއަލް މާޓިނެއްލީއެވެ. މެޗުގެ 88 ވަނަ މިނެޓުގައި ލިވަޕޫލުގެ ޑިފެންޑާރ އޮބްރަހީމާ ކޮނާޓޭއަށް ދެއްކި ރަތް ކާޑާއެކު ލިވަޕޫލަށް ކުޅެން ޖެހިފައިވަނީ އެެއް ކުޅުންތެރިޔެއް މަދުކޮށެވެ.
10 ކުޅުންތެރިންނާއެކު ކުޅެމުން އައި ލިވަޕޫލު ކޮޅަށް އާސެނަލްގެ ތިން ވަނަ ގޯލު ޖަހާފައިވަނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ތަރި ލިއަންޑްރޯ ޓްރޮސާޑެވެ.
މެޗުން މޮޅުވުމާއެކު އާސެނަލް ވަނީ ކުޅުނު 23 މެޗުން ލިބުނު 49 ޕޮއިންޓާއެކު ތާވަލުގެ 2 ވަނައަށް އަރާފައެވެ. މެޗުން ބަލިވި ކަމުގައިވި ނަމަވެސް ތާވަލުގެ އެއްވަނައިގައި އޮތީ ލިވަޕޫލެވެ. އެޓީމަށް ވަނީ ކުޅުނު 23 މެޗުން 51 ޕޮއިންޓް ލިބިފައެވެ. ލިވަޕޫލަށް މި މެޗު ކާމިޔާބު ނުކުރެވުމުން, ދެ މެޗު މަދުން ކުޅެފައިވަ ސިޓީއަށް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ސިޓީ އޮތީ ކުޅުނު 21 މެޗުން ލިބުނު 46 ޕޮއިންޓާއެކު ތާވަލުގެ 3 ވަނައިގައެވެ.